ޓެކްސް ފައިސާ ދައްކަން ޖެހޭ ސުން ގަޑިތައް ފަސް ކުރުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން އަޅާފައވާ ފިޔަވަޅުތަކާއި ގުޅިގެން، ޓެކްސް ދެއްކުމުގެ ސުންގަޑި ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މީރާ ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލި ނަމަވެސް އޮންލައިންކޮށް މީރާގެ ހިދުމަތް ހޯދޭނެ ކަމަށާއި ޓެކްސްވެސް އޮންލައިންކޮށް ދެއްކޭނެ ކަމަށް މީރާއިން ބުންޏެވެ.

ސުންގަޑި ލަސްކޮށްފައި ވަނީ އޭޕްރިލް މަހުގެ ޖީއެސްޓީ އަދި ގްރީން ޓެކްސް ރިޓާން އިންނެވެ. ކުރިން އޮތް ގޮތުން މެއި މަސް ނިމުމުގެ ކުރިން ބަޔާން ހުށައަޅާ އެ ފައިސާ ދައްކާ ނިންމަން ޖެހޭނެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ހުރިހާ އޮފީސްތައް ބަންދު ކޮށްފަ އެވެ.