އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ސަމާނު އެ ރަށަށް ގެންގޮސްފި އެވެ.

އެ މަސައްކަތްކުރަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރަމުން އަންނަ މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ހަންޏާމީދުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު މިމަޝްރޫއަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސް، މިހާރު ކުރަމުން އަންނަނީ ފެން އުފެއްދުމަށްޓަކައި އާރޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ފެސިލިޓީ ބިލިޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެން ހޮޅި ވަޅުލުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވެސް ހަމަޖައްސާފައިވެ އެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ޖުމްލަ 21,651,878.00 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.