ރާއްޖޭގެ އިގްތިސޯދު ކޮވިޑް-19ގެ ސަބަބުން ހީނަރު ވެފައިވާތީ، މި އަހަރު ހަރަދުތައް ކުޑަކޮށް 700 މިލިއަން ރުފިޔާ އާއި އެއް ބިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ސަލާމަތްކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބުރާސްފަތި ދުވަހު ވިދާޅުވީ، މިދިޔަ އަހަރު އެ މިނިސްޓްރީން ވަނީ ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކޮށް ނުވަ ބިލިއަން ރުފިޔާ ސަލާމަތްކޮށްފައި ކަމަށާއި އަދި މިއަހަރުގެ އަމާޒަކީ ހަރަދުކުޑަ ކޮށްގެން އެއް ބިލިއަން ރުފިޔާ ސަލާމަތްކުރަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރަދުކުޑަ ކުރުމުގެ ބޭނުމަކީ ކޮވިޑް-19ގެ ސަބަބުން ސިއްހީ ކަންކަމަށް އިތުރު ހޭދަ ކުރަން ޖެހުމާއި އިތުރު ހަރަދު ކުރަން ޖެހުމުން އެކަމަށް ޖާގަ ހޯދައި ކޭޝް ފްލޯ ބެލެހެއްޓުމެވެ. މި އަހަރު ހަރަދު ކުރަން މަޖިލީހުން ފާސް ކޮށްދީފައި ވަނީ 33.4 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 21.1 ބިލިއަން ރުފިޔާ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވިގޮތުގައި މި އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވާނީ އިގްތިސޯދު ކުރިން އޮތް ހާލަތަށް ވީހާ އަވަހަށް ބައުންސް ބެކް ކުރެވޭނެ ގޮތަށް ރާވައިގެނެވެ. އަދި ޓޫރިޒަމް ރަނގަޅުވަމުން ދާތީ މީގެ ކުރިން އިގްތިސޯދު އޮތް ހާލަތަށް ވަރަށް އަވަހަށް ދާނެކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

"ދެހާސް ވިހިވަނަ އަހަރުގެ ބަޖެޓުން އިތުރު ހަރަދު ކުރަން ޖެހުނުކަން ވެސް ފާހަގަ ކުރަން. އެގޮތުން ސިއްހީ ރައްކާތެރި ކަމަށާއި ބަލިމަޑުކަމުން އަރައި ގަންނަން ސްޓިމިއަލަސް ހަރަދު ކުޑަ ކުރެވުނު. މިދިޔަ އަހަރު ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އެޅުނު ފާހަގަ ކޮށްލަން... ފުރަތަމަ ކަމަކަށް ބޮޑެތި މުސާރަ ލިބޭ ފަރާތްތަކުން ފަސް މަސް ދުވަހު މުސާރަ އުނި ކުރިން. އޭރު ނުފަށާހުރި ގިނަ ޕީއެސްއައިޕީ މަޝްރޫއުތައް މަޑު ޖައްސާލިން،" އޭނާ ވިދާޅުވި އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ބަޖެޓުގެ ދަރަނި އަހަރު ނިމުނުއިރު ހުރީ 12.5 ބިލިއަން ރުފިޔާ ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 18.9 ޕަސެންޓެވެ.