ސްޓެލްކޯއިން ފެނާއި ކަރަންޓް ހިދުމަތް ދޭ ރަށްތަކުގައި މި މަހުގެ ބިލުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ސަރުކާރުން އިއުލާން ކުރައްވާފައިވާ ގޮތަށް މިކުންފުނިން ކަރަންޓާއި، ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެ ގޮތުން ފެން ބިލުން 30 ޕަސެންޓް ގޭބީސީތަކަށް ދޭއިރު 20 ޕަސެންޓް ވިޔަފާރިތަކަށް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ކަރަންޓް ބިލުތަކުން 40 ޕަސެންޓް ގޭބީސީތަކަށް ދޭއިރު 20 ޕަސެންޓް ވިޔަފާރިތަކަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ކޮވިޑްގެ ހާލަތާ ގުޅިގެން އެކުންފުނީގެ ކައުންޓަރުތަކުގެ ހިދުމަތް މިހާރު ބަންދުކުރެވިފައިވާ ކަމަށާއި ނަމަވެސް ބިލްތައް އެ ކުންފުނީގެ މޯބައިލް އެޕް މެދުވެރިކޮށް ދެއްކޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ބިލްތައް ދެކުމަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކިތަންމެ ގިނަ ބިލެއް ވެސް ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައި ވާތީ ސަރުކާރުން ވަނީ ފެން ބިލުނާއި ކަރަންޓް ބިލުން ޑިސައުންޓް ދިނުމަށް ނިންމާފަ އެވެ. މިއާއެކު ފެނާއި ކަރަންޓް ހިދުމަތް ދެމުންއަންނަ ތިން ކުންފިނިން ވެސް ވަނީ ޑިސްކައުންޓް ލިބޭނެ ކަމަށް އިއުލާނުކޮށްފައިވެ އެވެ.