އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ އަންނަ މަހުން ފެށިގެން އެ ކުންފުނިން ހުޅުވާލާ ވަޒީފާތަކަށް އޮންލައިންކޮށް ހުށައެޅޭނެ ކަމަށެވެ. އެގޮތުން އޮންލައިން އެޕްލިކޭޝަން ލިންކް، (https://www.mwsc.com.mv/Career) ގައިވާ ފޯމް ފުރުމަށްފަހު އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށަހެޅޭ ގޮތް ހަމަޖައްސާފައި މިވަނީ، ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް، ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ތިމާވެއްޓާއި ރައްޓެހި، އަދި ރައްޔިތުންނާ ވީހާ ވެސް ގާތުން ލުއިފަސޭހަގޮތެއްގައި، ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

މިގޮތުން، އޮންލައިންކޮށް، ކޮންމެ ވަގުތެއްގައި، ކޮންމެތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ވަޒީފާއަށް އެދި ހުށައެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިގޮތަށް އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށަހެޅޭ ގޮތަށް ހަމަޖެހިގެންދިޔުމުން، ވަޒީފާއަށް އެދި ހުށައެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދަށްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.

އަދި ކޮވިޑް 19 ގެ މިހާލަތުގައި، ޚިދުމަތްތައް ހޯދުމުގައި އެ ކުންފުނީގެ އޮންލައިން ޕްލެޓްފމްތައް ބޭނުންކުރުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.