ފ. އަތޮޅުން މިއަހަރު ގްރީން ޓްކްސްގެ ގޮތުގައި އެންމެ ރުފިޔާއެއް ވެސް ލިބިފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ގްރީން ފަންޑު ރިޕޯޓުގައި ވާގޮތުން ޓޫރިޒަމް ސިނާއަތަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކުހުގެ ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް ކޮންމެ ވެސް އަދަދެއް ވަނީ ލިބިފަ އެވެ. ބައެއް އަތޮޅުތަކުން ހަމައެކަނި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ލިބުނުއިރު ގިނަ އަތޮޅުތަކުގައި ލިބިފައި ހުރީ ރިސޯޓުތަކުންނެވެ. ނަމަވެސް ފ. އަތޮޅުން އެންމެ ރުފިޔާއެއް ވެސް މި ފަންޑަށް ލިބުނު ކަމަށް ނުދައްކަ އެވެ.

އެހެން އަތޮޅުތަކަށް އަޅާބަލާއިރު ފ. އަތޮޅުގައި ޓޫރިޒަމަށް ކުރި އިންވެސްޓް މަދުވާނެ އެވެ. އެހެންނަމަވެސް މިހާރު ވެސް ފ. އަތޮޅުގައި ބައެއް ރިސޯޓު އަދި ގެސްޓްހައުސްތައް ދަނީ ހިންގަމުންނެވެ. މިހާރު ހިންގަމުން ގެންދާ އެއް ރިސޯޓަކީ މި ސަރުކާރުގައި ހިމެނޭ ބޭފުޅުންކޮޅެއްގެ ހިއްސާއެއް އޮންނަ ފ. ފިލިތެޔޮ ރިސޯޓެވެ. މީގެ އިތުރުން ބުކިން ޑޮޓްކޮމް ދައްކާ ގޮތުން ފ. މަގޫދޫގައި ގެސްޓްހައުސްތަކެއް ވެސް ހިންގަމުންދެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިލަންދޫގައި ވެސް 14 ކޮޓަރީގެ ގެސްޓްހައުސްއެއް ހިންގަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެންމެ ގިނަ ޓޫރިޒަމް ޕްރޮޕަޓީ ހުރި މި އަތޮޅުން 32 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކުން ލިބުނު 718,169.27ރ. އާއި ރިސޯޓްތަކުން ލިބުނު 31 މިލިއަން ރުފިޔާ އެވެ.