އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން މިއަދު ފާސްކޮށްފި އެވެ.

މިއަދު ހަވީރު ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި 941،842 ހިއްސާ ތަމްސީލް ކުރާ 682 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާ އިތުރުވުމުން އެސްޓީއޯއިން ހިއްސާއަކަށް 60ރ. ބަހަން ނިންމިއިރު، މިއީ 2019 ވަނަ އަހަރަށް ބަލާއިރު، ދެ ރުފިޔާގެ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރު އެކުންފުނިން ހިއްސާ އަކަށް ބަހާފައިވަނީ 58 ރުފިޔާ އެވެ. އަދި 2018 ވަނަ އަހަރު ވެސް އެ ކުންފުނިން ހިއްސާ އަކަށް ބަހާފައިވަނީ 58 ރުފިޔާ އެވެ.

އެހެން އަހަރުތަކަށް ވުރެ އިތުރަށް މިއަހަރު އެސްޓީއޯއަށް ފައިދާވީ ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން ބޭނުންވާ މެޑިކަލް ސާމާނުގެ ބޮޑު ބައެއް އެ ކުންފުނި މެދުވެރިކޮށް ގެނެސްފައިވާތީ އެވެ. އެސްޓީއޯއަށް މިދިޔަ އަހަރު 248 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2019 ވަނަ އަހަރު މި އަދަދު ހުރީ 303 މިލިއަން ރުފިޔާގަ އެވެ. އަދި 2018 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 341 މިލިއަން ރުފިޔާ އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ޖަލްސާގައި އެ ކުންފުނި އޮޑިޓް ކުރަން ޕްރައިސް ވޯޓާ ހައުސް ކޫޕާސް އައްޔަން ކުރަން ވަނީ ނިންމާ ފައެވެ. މިއީ އެ ކުންފުނި އޮޑިޓް ކުރަން އެ ފާމް ހަމަޖެއްސި ދެވަނަ ފަހަރެވެ. އަދި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލް ކުރަން، ހ. މޮސްކޯގެ، އައިމިނަތު ރުޝްމާ އައްޔަން ކުރަން ވަނީ ފާސްކޮށްފަ އެވެ. މިއީ ރުޝްމާ އައްޔަން ކުރަން ފާސްކުރި ތިން ވަނަ ފަަހަރެވެ.