އައްޑޫގައި ހުންނަ ފްލައިން ސުކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ން އިއުލާން ކޮށްފި އެވެ.

އައިއޭއެސް ކުރި އިއުލާނުގައި ބުނެފައި ވަނީ މާލީ ގޮތުން ގާބިލު ފަރާތަކާއި ފްލައިން ސްކޫލެއް ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެފަރާތްތައް ވާން ޖެހޭނީ ގައުމުން ބޭރުގައި އެފަދަ ދެ ސްކޫލެއް ފެށުމުގެ ގާބިލުކަން ހުންނަ ފަރާތެއް ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

އިއުލާނުގައި އައިއޭއެސްއިން ބުނީ، ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏެއްގައި ކަމަށާއި އެތަން ހިންގާނީ މިނިވަންކަމާއެކު ކަމަށެވެ. ސްކޫލް ހިންގާ ފަރާތުން އެއާކްރާފްޓް ހޭންގަރަކާއި ޓްރެއިނިން ބިލްޑިންގު އަދި ދެ މަލްޓި އިންޖީންއާއި ހަތަރު ސިންގަލް އިންޖިން އެއާކްރާފްޓް ބަލަހައްޓަން ވެސް ޖެހޭނެ އެވެ.

ފްލައިން ސްކޫލް ހިންގުމަށް ޝަރުތުތައް ހަމަވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވައިލާފަ އެވެ.

ފްލައިން ސުކޫލެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި މިވަނީ އައްޑޫ ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެން ދާ މައްސަލަތައް ބޮޑުވެފައި ވަނިކޮށެވެ. ހާއްސަކޮށް ގިނަ ދަރިވަރުން ލޯން ނަގައިގެން ކިޔަވަމުން ދާތީ އެ ދަރިވަރުންގެ ޝަކުވާ ވަރަށް ބޮޑެވެ. އަދި ދަރިވަރުންގެ ކިޔެވުން ކޮންމެވެސް އެހެންގޮތަކުން ހަމަޖައްސައި ދިނުމަށް ކެނޑިނޭޅި ދަރިވަރުން ދަނީ އެދެމުން ނެވެ. އެ ސުކޫލުގައި މިވަގުތު ބޭނުން ކުރެވޭ އެއްވެސް ބޯޓެއް ނެތް ކަމަށް ވެސް ދަރިވަރުން ވަނީ ބުނެފަ އެވެ.