މިދިޔަ މޭ މަހު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ ގޮތުގައި ހިމެނިއްޖެ އެވެ.

މިދިޔަ އޭޕްރީލް މަހު ވެސް މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓުގެ ގޮތުގައި ހިމެނުނު ވެލާ ރިސޯޓުން މިދިޔަ މޭ މަސް ތެރޭގައި، މުވައްޒަފުންނަށް ސާވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ 1،660.03 (25،597ރ) ޑޮލަރެވެ.

ރާއްޖޭގައި އެންމެ އަގު ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާއަކީ މުވައްޒަފުންނާ މެދު ވަރަށް ރަނގަޅަށް އަބަދުވެސް ކަންކަން ކުރަމުން އަންނަ އެއް ރިސޯޓެވެ.

ވެލާ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. ވެލާ ރިސޯޓަކީ ސާވިސް ޗާޖު ދިނުމުގައި ވެސް އެހެން ރިސޯޓުތަކަށް ނަމޫނާއެކެވެ.

ސާވިސް ޗާޖްގެ ގޮތުންގައި 1،000 ޑޮލަރަށް ވުރެ މަތިން މިދިޔަ މަހު ދީފައި ވަނީ ފަސް ރިސޯޓަކުންނެވެ. އެއީ

  • ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓު – 1،486.33 ޑޮލަރު
  • ޝެވަލް ބްލޮންކް ރަންދެލި – 1،380.31 ޑޮލަރު
  • ޖޯއަލި މޯލްޑިވްސް – 1،141.31 ޑޮލަރު
  • ދަ ނޯޓިލަސް މޯލްޑިވްސް – 1،060.91 ޑޮލަރު
  • ވަން އެންޑް އޮންލީ ރީތި ރަށް – 1،050.00 ޑޮލަރު

އެންމެ މަދުން ސާވިސް ޗާޖް ގޮތުގައި މުވައްޒަފުންނަށް ދީފައިވަނީ ދެ ރިސޯޓަކުންނެވެ. އެއީ ޖޭއޭ މަނަފަރު ރިސޯޓާއި ފުރަވެރި މޯލްޑިވްސް އިނެވެ.