މާލެ ކައިރީގައި އޮތް ފަޅެއް ހިއްކައިގެން ތަރައްގީކުރި ފަރި އައިލެންޑްސްގައި މަޝްހޫރު ރިޒް ކާލްޓަން ފުރަތަމަ ރިސޯޓު އިއްޔެ ހުޅުވައިފި އެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު ހޮޓާ ޗެއިން، މެރިއޮޓް އިންޓަނޭޝަނަލްގެ ރިޒް ކާލްޓަން ބްރޭންޑުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. މެރިއޮޓްގެ އެހެން ބްރޭންޑްތަކުގެ ރިސޯޓުތައް ވެސް ރާއްޖޭގައި އެބަ ހިންގަ އެވެ.

ކ. ރަށްފަޅު ހުރާގަ ހެދި އެންމެ މަތީ ފެންވަރުގެ 100 ކޮޓަރި ހިމެނޭ ރިޓް ކާލްޓަން މޯލްޑިވްސްގައި އެއް ކޮޓަރީގެ ވިލާތަކާއި ތިން ކޮޓަރީގެ ވިލާތަށް ހުރެ އެވެ. އަދި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ރެސްޓޯރެންޓުތަކާއި، ރިޒް ކާލްޓަންގެ ސްޕާއެއްގެ ހިދުމަތް ލިބެން ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި 50 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓަށް ސީޕްލޭންގައި ދިހަ މިނެޓުން ދެވެ އެވެ.

ރިޒް-ކާލްޓަން އަށް އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔާނީ ދިވެހިންގެ ސަގާފަތާ އެއްގޮތަށް ސަންގު ފުމެގެންނެވެ. މި ރިސޯޓުގައި 11 ވަނަ ގަރުނުގައި ދިވެހިން ދިރިއުޅުނު ގޮތް ދައްކުވައިދޭ ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ތާޒާ ކަނޑުމަހާއި ފަރުމަހުގެ އިތުރުން ހެނދުނު ނާސްތާއަށް ދިވެހިން އާއްމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތައް ވެސް ހުންނާނެ އެވެ. އަދި ހަވީރު ސަޔަށް ދިވެހިން ތައްޔާރުކުރާ ހެދިކާ ވެސް ހުންނާނެ އެވެ.

އެންމެ މަތީ ފަންތީގެ މި ރިސޯޓުގެ ޕްރައިވެޓް ޕޫލަކާއެކު ހެދި އެއްކޮޓަރީގެ އޯޝަން ވިއު ވިލާއަކަށް ޗުއްޓީ ހޭދަކޮށްލުމަށް ރެއަކަށް ގާތްގަނޑަކަށް 28،000 ރުފިޔާ ނުވަތަ 1،800 ޑޮލަރު ހޭދަވާނެ އެވެ. އަދި ޕްރައިވެޓް ޕޫލަކާއި އެކު ހުންނަ ދެ ކޮޓަރީގެ ބީޗުވިއު ވިލާއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ރެއަކަށް ގާތްގަނޑަކަށް 7،399 ޑޮލަރު ނުވަތަ 114،096 ރުފިޔާ އަރަ އެވެ.

ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް އަމާޒްކޮށްގެން މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ރާވާފައިވާފައިވެ އެވެ. އެގޮތުން ބޮޑުބެރު ޖެހުމަށް ޝައުގުވެރިވާ މީހުންނަށް އަމާޒްކޮށް ބެރުޖަހަން ދަސްކޮށްދޭ ކްލާސްތަކެއް ވެސް ހިންގަން ރާވާފައިވެ އެވެ.

ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ ސިންގަޕޫރުގެޕޮންޓިއަކް ލޭންޑުން އިންޓަގްރޭޓަޑް ރިސޯޓު ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ ފަރި އައިލެންޑްސްގެ އެއް ރިސޯޓެވެ. މިތަނުގައި ރިސޯޓުގެ އިތުރުން މަތީ ފެންވަރު ޔޮޓްމެރީނާއެއް އޮވެ އެވެ. އޭގެ އިތުރުން މަތީ ފެންވަރުގެ ބުޓީކްތަކާއި ރެސްޓޯރަންޓްތައް ވެސް ހުންނާނެ އެވެ.

މި ތަނުގައި ޖުމްލަ ތިން ރިސޯޓެއް ހިމެނެ އެވެ. އެގޮތުން ރިޒް ކާލްޓަންގެ ރިސޯޓުގެ އިތުރުން، ކަޕެއްލާ ހޮޓެލްސްގެ ރިސޯޓަކާއި ޕަޓީނާ ހޮޓެލްސްގެ ރިސޯޓެއް ފަރި އައިލެންޑްސްގައި ހިމެނެ އެވެ.

ރިޒް ކާލްޓަންއިން 30 ގައުމެއްގައި 108 ލަގްޒަރީ ހޮޓާ ހިންގަ އެވެ.

މީގެ ތެރެއިން "ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް" ރިސޯޓް ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ހުޅުވާފަ އެވެ. އެ ރިސޯޓްގައި 90 ވިލާއާއި 20 ސްޓޫޑިއޯ ރޫމްއާއިއެކު މުޅި ޖުމްލަ 120 ކޮޓަރި ހުރެ އެވެ. އަދި ރިސޯޓްގައި ތިން ކޮޓަރީގެ ބީޗް ހައުސްއެއް ވެސް ހުރެ އެވެ. ކަޕެއްލާ ރިސޯޓު ހުޅުވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.