ދަތުރުވެރިންގެ މާރުކޭޓައި ލޯކަލް މާރުކޭޓުގައި ފާހާނާ ބަރި ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި މަސައްކަތްކުރާ ފަރާތްތަކާއި އެ މާރުކެޓަށް ދާ ފަރާތްތަކުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް ކަމަށްވާތީ، ފާޚާނާ ބަރިއެއް ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ ހާލަތު ބަލާލުމަށް މިދިޔަ މަހު ޒިޔާރަތް ކުރައްވާފަ އެވެ. އަދި މާރުކޭޓު ސަރަހައްދަކީ ހިތްފަސޭހަ ސަރަހައްދެއް ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެ މާރުކޭޓުތަކަށް ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި ބިދޭސީ ސޭޓުން ބައިތިއްބާ ގޮޅިތަކަށް އެކަން އިސްލާހުކުރަން ދެ މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެކަން އިސްލާހުނުކޮށްފި ނަމަ އެ އެއްބަސްވުންތައް ބާތިލުކުރަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރަށް ލޯކަލް މާރުކޭޓު ގޮޅިތަކުގައި ފުރިޖު ބަހައްޓައިގެން ތަކެތި ވިއްކޭނެ ގޮތް ހަމަޖައްސައި ފުރިޖްގައި ބެހެއްޓޭނީ ކޮން ބާވަތެއްގެ ތަކެތިކަން ކަނޑައަޅަން ވެސް ވަނީ ނިންމާފަ އެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ދެ ފާޚާނާ ހެދުމަށް ވެސް ނިންމާފައިވެ އެވެ. އަދި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ކުލި އެއްހަމަކުރުމަށް ވެސް ކައުންސިލުން ނިންމާފައިވެ އެވެ.