ކޮވިޑް- 19 ކޮންޓޮރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ހޮޓާ، ކެފޭ އާއި ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހުމުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އެ ބަދަލު ނަގައި ނުދޭން މަޖިލީހުގެ ޖަލްސާ އިން މިއަދު ފާސްކޮށްފި އެވެ.

ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ހޮޓާ ފަދަ ތަންތަން ރޭގަނޑު ބަންދުކުރާ ގަޑިތައް މީގެ ކުރިން އެތައް ފަހަރަކު އަވަސް ކުރަން ޖެހުނެވެ. އެކަމާ ގުޅިގެން އެ ތަންތަނުން ބުނެފައި ވަނީ ރޭގަނޑުގެ ޕީކް އަންނަ ތަންތަނަށް އިޔާދަ ނުކުރެވޭނެ ގެއްލުން ކުރިމަތިވަމުން ދިޔަ ކަމަށާއި ޖުމްލަ ގޮތެއްގައި ހުރިހާ ކެފޭ، ހޮޓާތަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

ކެފޭތަކަށް ގެއްލުން ވަމުންދާތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އެތަންތަނަށް ބަދަލު ނަގައިދޭން ހުށަހަޅައިފަ އެވެ. އެއާއެކު ކެފޭތަކުގެ ވެރިންނަށް ލިބުނު ގެއްލުން އިއާދަ ކުރެވޭނެކަމުގެ އިހުސާސް ކުރެވިގެން ދިޔަ އެވެ.

ނަމަވެސް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން އެކަން ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓް ފާސްކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 56 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މިއަދު ފާސްކުރި ރިޕޯޓްގައި ބުނެފައި ވަނީ ރެސްޓޯރެންޓްތައް ބަންދުކުރި ވަގުތަށް ބަލައި އެކަށީގެންވާ އަދަދަކުން ބަދަލު ދޭން ހުށަހެޅި ނަމަވެސް އެފަދައިން އަމަލު ކުރަން ނުފެންނަ ކަމަށެވެ. އަދި އެގޮތަށް އެނިންމުން ނިންމަން ޖެހުނީ މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި އެގޮތަށް ބަދަލު ދޭން ފައިސާ ނެތުމާއި ބަދަލު ދީފިނަމަ ބަޖެޓަށް ނޭދެވޭ އަސަރުކޮށް އަންދާޒާ ކޮށްފައިވާ ޑެފިސިޓް ބޮޑުވެ އަދި ފައިނޭންސް ހޯދަން ޖެހޭ މިންވަރު އިތުރު ވެގެން ދާނެތީކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މިއާއެކު ކެފޭތަކުގެ ވެރިންގެ ނުރުުހުން ވަނީ މަޖިލީހަށް އަމާޒުވެފަ އެވެ.

ރިޕޯޓުގައ އިިތުރަށް ވަނީ ނަމަވެސް ކޮވިޑާ ގުޅިގެން މުސްތަގުބަލުގައި ކޮވިޑާ ދެކޮޅަށް ފިޔަވަޅު އަޅާނަމަ ވިޔަފާރިތައް ގިންތި ކޮށްފައިވާ ގޮތަށް ބަލައި ވިޔަފާރިތަކަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ގަވައިދުތަކާ ފިޔަވަޅުތައް އެކުލަވާލަން ޖެހޭނެ ކަމަށެވެ.