"ނުކުރާނަމަ އުނިކުރަމާ" ގެ ނަމުގައި މީރާއިން ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

މީރާއިން ބުނިގޮތުގައި، "ނުކުރާނަމަ އުނިކުރަމާ" ގެ ނަމުން ފެށި ކެމްޕޭނަކީ މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރިނުކުރާ ފަރާތްތަކާއި ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް ހިންގާ ކެމްޕޭނެކެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުން ސުން- ބަޔާން ހުށަހަޅަމުންދާ ކަމަށާ، އަދި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ބަޔާން ހުށަނާޅާކަން ވެސް މީރާއިން ފާހަގަކުރެ އެވެ.

މީރާއިން ބުނީ ރަޖިސްޓްރީން އުނިކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި، ތަފާތު ވިޔަފާރިތައް ކުރުމުގެ ނިޔަތުގައި ރަޖިސްޓަރީކޮށް، އެހެން ނަމަވެސް ވިޔަފާރި ނުފެށިފައިވާ ފަރާތްތަކާއި އެކިއެކި ބީލަންތަކަށް ކުރިމަތިލާން ރަޖިސްޓަރީކޮށް، ބީލަން ކާމިޔާބު ވެފައި ނުވާ ފަރާތްތަކާއި، ވިޔަފާރިކުރުން ހުއްޓާލައިފައިވާ ފަރާތްތައް ވެސް ހިމެނުން އެކަށީގެންވާ ކަމަށެވެ. އަދި، ވިޔަފާރި ނުކުރި ކަމުގައިވިޔަސް ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ ކޮންމެ ޓެކްސް ނެގޭ މުއްދަތަކާ ގުޅިގެން ވެސް ކަނޑައެޅިފައިވާ ސުންގަޑީގައި ޓެކްސް ބަޔާން ހުށަހަޅަން ޖީއެސްޓީ ގާނޫނުން ލާޒިމު ކުރާތީ މިފަދަ ފަރާތްތަކުން ވެސް، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނި ނުކުރާނަމަ، ޓެކްސް ބަޔާން ހުށަހަޅަން ޖެހޭކަމަށާއި އަދި ބަޔާން ހުށަނޭޅުމުގެ ސަބަބުން މިފަދަ ފަރާތްތައްވެސް ޖޫރިމަނާވަމުންދާކަމަށް ވެސް މީރާއިން ބުންޏެވެ.

"އެހެންކަމުން، "ނުކުރާނަމަ އުނިކުރަމާ" ގެ ނަމުގައި މީރާއިން މި ފެށި ކެމްޕެއިނުގެ މަގުސަދަކީ މި ދެންނެވުނު ގޮތަށް ވަމުންދާ ޖޫރިމަނާތައް ނުވާނެހެން، މީރާގައި މި ވަގުތު ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ޖީއެސްޓީއަށް ރަޖިސްޓަރީކުރުން ލާޒިމު ނުވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުން،" މީރާ އިން ބުންޏެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނި ގޮތުގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓޫރިޒަމް މަސައްކަތްކުރާ ފަރާތްތައް ނުވަތަ މުދާ އިމްޕޯޓްކުރާ ފަރާތްތައް ފިޔަވާ އެހެން ވިޔަފާރިކުރާ ފަރާތްތަކުން، އެ ފަރާތަށް އަހަރެއްގެ މައްޗަށް 500،000ރ އަށްވުރެ ދަށުން އާމްދަނީ ލިބޭނަމަ އެފަރާތެއް ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅިދާނެ އެވެ. އަދި، މި ފަދަ ފަރާތްތަކަށް، "ނުކުރާނަމަ އުނިކުރަމާ" ކެމްޕެއިނުގެ ދަށުން ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް އޮތް ހުރަހަކީ ނުދައްކައިވާ ޓެކުހާ ގުޅޭ ޖޫރިމަނާއެއް ކަމުގައި ވާނަމަ، އެ ޖޫރިމަނާ ވެސް މައާފުކޮށްދެވޭނެ ކަމަށް މީރާއިން ބުންޏެވެ.

އެހެންކަމުން، 'ނުކުރާނަމަ އުނިކުރަމާ' ކެމްޕެއިނުގެ ދަށުން ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ބޭނުންވާ ފަރާތްތަކުން، މީރާ 106 ފޯމް މެދުވެރިކޮށް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް އެދި ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެ އެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އައު ޚިދުމަތްތައް މީރާ އިން އަންނަނީ ތައާރަފުކުރަމުންނެވެ. މިގޮތުން، މީރާއިން މިހާރު ވަނީ އެ އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް، މީރާގެ އޮންލައިން ޚިދުމަތްތައް ކަމުގައިވާ "މީރާކަނެކްޓް" އަދި "ވާރުޕޭ" މެދުވެރިކޮށް، ބަލައިގަތުމުގެ ޚިދުމަތް ހަމަޖައްސައިދިނުމުގެ އިތުރުންވެސް ގިނަ ލުއި ފަސޭހަ ޚިދުމަތްތަކެއް ތައާރަފުކޮށްފަ އެވެ.