ސ. މީދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިމިއްޖެ އެވެ.

އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މީދޫ ބަނދަރާއި ބަންދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލައި އަދި އެއްގަމު ތޮށި ވަށައިގެން 3،125 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައި ވާނެ ކަމަށެވެ. އަދި ބަނދަރުގައި ރޭމްޕެއް ހަދައި ނެރު ބައްތި އާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން މީދޫ ބަނދަރު ތަރައްގީކޮށް ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ޖޫން، 2019 ގަ އެވެ.

އެމްޓީސީސީން ބުނީ މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި އެކުންފުނިން ހަދާ ބަނދަރުތަކުގެ ޑިޒައިނާ މުޅިން ތަފާތު ބަނދަރެއް ކަމަށެވެ. އެގޮތުން ވާ އައްސާ ކުޅިތަކުގެ އިތުރުން ވާ އައްސާނެ ބޮލާޑް ވެސް ހަރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބަނދަރު ޑިޒައިން ކޮށްފައިވަނީ ކުރިން މީދޫގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަން އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެންކޮށްފައިވާ މަސައްކަތެކެވެ.