ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ސިސްޓަމް އަޕްގުރޭޑުކުރުމުގެ މަސައްކަތް މިރޭ ކުރިއަށް ގެންދާއިރު ކާޑުގެ ޚިދުމަތް ނުލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ މިރޭ 10.00 އިން ފެށިގެން މާދަމާ ހެނދުނު 9.00 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެ ވަގުތުތަކުގައި ކާޑުގެ ޚިދުމަތް ނުލިބޭނެ ކަމަށެވެ.

ކާޑު ސިސްޓަމް އަދާހަމަކުރަނީ، ކަސްޓަމަރުންނަށް އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ބޭންކިން ދާއިރާގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި އެ މަސައްކަތްކުރާ ވަގުތު ކަނޑައަޅާފައިވަނީ ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތައް އެންމެ ބޮޑަށް ކުޑަކުރެވޭނެ ގޮތަކަށް ބަލައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ކާޑުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް އެ ވަގުތުގައިވެސް އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިންގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން އެކައުންޓުގައި ފައިސާހުރި މިންވަރު ބެލުމާއި، އެހެން އެކައުންޓަށް ފައިސާ ފޮނުވުމާއި، އެކައުންޓު ހިސްޓަރީ ބެލުން ފަދަ ކަންކަން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ބޭންކަށް މެސެޖުކޮށް މެއިލްވެސް ފޮނުވޭނެ ކަމަށް ބޭންކުން ބުންޏެވެ.

"އެހެންނަމަވެސް އެ ވަގުތުގައި ބީއެމްއެލްއިން ކާޑު މެދުވެރިކޮށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް މެދުކެނޑޭނެ. އެގޮތުން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް އަދި މާޗަންޓް ޕޯޓަލްއާއި ޕޭމެންޓް ގޭޓްވޭއާއި މޯބައިލް ޕޭގެ ޚިދުމަތް އެވަގުތު ނުލިބޭނެ. އަދި ބީއެމްއެލްގެ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ޑިޖިޓަލް ޕިންގެ ޚިދުމަތްވެސް މެދުކެނޑޭނެ،" ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން އެދިފައި ވަނީ މިރޭ ކާޑުގެ ޚިދުމަތް މެދުކެނޑުމުގެ ކުރިން ކާޑު މެދުވެރިކޮށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ. އެހެންކަމުން ކާޑު މެދުވެރިކޮށް އޮންލައިންކޮށް ޚިދުމަތަކަށް އަގު ދައްކާ ސުންގަނޑި ކައިރިވެފައިވާ ނަމަ އަވަހަށް އެކަން ނިންމުމަށް ބޭންކުން އެދެ އެވެ.

މީގެ އިތުރުން ކާޑު ސިސްޓަމް އަދާހަމަކޮށް އަޕްގްރޭޑުކުރުމުގެ މަސައްކަތް ހުކުރުދުވަހު ހެނދުނު ނިންމާލުމުން، ކުރިން ވެސް ޚިދުމަތް ލިބުނު ގޮތަށް ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.