ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ހުޅުމާލޭގައި "ސިޓީ ބައިކް"ގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމައިފި އެވެ.

މިކަމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެމެދުގައި ވަނީ ސޮއިކޮށްފަ އެވެ.

ބީއެމްއެލްއިން ބުނީ މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 300 ބައިސިކަލް ކުއްޔަށް ދޫކުރާނެ ކަމަށެވެ. އަދި ބައިސްކަލްތައް ކުއްޔަށް ދޫކުރާނީ ކުޑަ އަގެއްގައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އަދި މި މަޝްރޫޢުގެ ދަށުން ދޫކުރާ ބައިސިކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ދުއްވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ހުޅުމާލޭގައި ބައިސިކަލްތައް ޕާކުކުރުމަށް ޚާއްސަ ޑޮކިން ސްޓޭޝަނުތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މި މަޝްރޫއަށް ޚަރަދުކުރާނީ ބީއެމްއެލްއިންނެވެ. އަދި ކުއްޔަށް ދޫކުރާ ބައިސިކަލުތަކަށް ފައިސާ ދައްކާނީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިން ބޭނުން ކޮށްގެންނެވެ.

މި މަޝްރޫއު ހިންގުމަށް ނިންމި ސަބަބެއް ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ބައިސްކަލަކީ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ތިމާވެއްޓާ ރަހުމަތްތެރި ވަސީލަތަކަށްވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވާ ވަސީލަތަކަށްވުމެވެ.