ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ ކުލި މާލޭ ސިޓީ ކައުންސިލުން ކުޑަކޮށްދީފި އެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ކުއްޔާއި ފައްތިޔާތަކުގެ ކުލި ކުޑަކޮށްދީ މިއަދު އެ ފަރާތްތަކާއި ލިޔުން ހަވާލުކުރަން ފަށާފައިވާ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ހޮވުމާއެކު އޭނާ ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފަ އެވެ. އެ ޒިޔާރަތުގައި ގޮޅިތަކުގެ ވެރިންގެ ކަންބޮނޑުވުންތައް މޭޔަރު ވަނީ އައްސަވައި އެކަން ހައްލުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. ކުލިތަށް ކުޑަކޮށް ދިނުމަކީ ގޮޅިތަކުގެ ވެރިން އެންމެ ބޮޑަށް މޭޔަރު ކައިރިން އެދުނު ކަމަށެވެ.

މާރުކޭޓަށް ކުރެއްވި ޒިޔާރަތް ނިންމާލުމަށްފަހު މޭޔަރު ކުރިން ވިދާޅުވެފައި ވަނީ، މާރުކޭޓު ގޮޅިތަކުން ކުއްޔަށް ނަގަމުންދާ އަދަދުން 30 ޕަސެންޓް ކުޑަ ކުރައްވާނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައި ވަނީ، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒު ތަފާތު އިރު ގޮޅިތަކަށް ނަގަނީ ކުލީގެ ގޮތުގައި އެއް އަދަދެއް ކަމަށެވެ.

އެއީ ހައްލުވާން ޖެހޭ މައްސަލައެއް ކަމަށާއި އެކަމަކު ކުއްޔަށް ދިން ލުއީގެ ދަށުން ގޮޅިތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އެއް އަދަދެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.