ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކި ބްރާންޗްތަކާ ގުޅިގެން އަތޮޅު ތެރޭގައި ސްކޭމް އަދި ފްރޯޑް އިން ރައްކާތެރިވުމާއި މާލީދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

ބީއެމްއެލް އިން ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްދިޔަ މި ބައްދަލުވުން ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ބޭންކިން އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކުރި ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ބޭންކުން އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަން ވެސް ފާހަގަކޮށްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ބައްދަލުވުމުގައި އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިން ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުންވަނީ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުން ބޭއްވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާއި އެެއްގޮތަށެވެ. އަދި މި ބައްދަލުވުން ކުރިޔަށް ދިޔަ ހޯލް ތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް ވަނީ ނުހަނު ސަމާލުކަށް ދެވިފަ އެވެ.