ޓޫރިސްޓުން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕޮލެންޑްގައި ރާއްޖެ އިޝްތިހާރުކުރަން ވިޒިޓް މޯލްޑިވްސްއިން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޕޮލެންޑްގެ އެންމެ މަގުބޫލު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ އިޓާކާ އާއެކު ޖޮއިންޓް ކެމްޕެއިންނެއްގެ ގޮތުގައި ކަމަށެވެ. މިމަހު ފެށުމަށް ހަމަޖެހިފައިވާ ކެމްޕޭނުގައި އިޝްތިހާރުތަކާއި ޑިޖިޓަލް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

މި ކެމްޕެއިން ކުރިއަށްދާނީ ޕޮލެންޑުން ރާއްޖެއަށް އިޓާކާގެ ފަރާތުން ޗާޓަރު ފްލައިޓްތައް ފެށުމާ ގުޅުވައިގެންނެވެ. މިފަދަ ކެމްޕެއިންތަކަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ފެށޭ ޗާޓަރު ފްލައިޓްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިންގެ ޑިޖިޓަލް ހަރަކާތެއްގެ ދަށުން ގޫގުލް އެޑްވޯޑްސްގެ ޒަރިއްޔާއިން ރާއްޖޭގެ ރީތި މަންޒަރުތަކާއި މެސެޖްތައް ލިބޭގޮތަށް އިޝްތިހާރުކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ޕޮލެންޑްގެ މަގުބޫލު ޓްރެވެލް އަދި ލައިފްސްޓައިލް ވެބްސައިޓްތަކުގައި އެނިމޭޓެޑް އިސްތިހާރުތަކާއި ޕުޝް މެސެޖް ބޭނުންކޮށްގެން ވެސް ރާއްޖެ އިޝްތިހާރުކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަމައެއާއެކު އިންސްޓަގްރާމްގައި ވެސް ޕޮލިޝް މާކެޓަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

މީގެ އިތުރުން ވިޒިޓް މޯލްޑްވިސްއިން ބުނިގޮތުގައި މި ކެމްޕެއިންގެ އައުޓްޑޯ ހަރަކާތްތަކުގެ ތެރެއިން އިޓާކާގެ 150 އަށް ވުރެ ގިނަ އޮފީސްތަކުގައި ހަރުކުރެވިފައިވާ ޓީވީތަކުން ރާއްޖޭގެ މަންޒަރުތަކުގެ އިޝްތިހާރުތައް ކުރެވޭނެ ކަމަށެވެ. އަދި މަޝްހޫރު ޒުއޮލްތެ ޓަރާސޭ ހާޑް ރޮކް ކެފޭ ކުރިމަތީގައި ހުންނަ ސްކްރީނުން ވެސް ރާއްޖޭގެ އިސްތިހާރުތައް ފެންނާނެ އެވެ.

އެ ސަރަހައްދުގެ އިތުރުން މަހެއްގެ މައްޗައް 1.4 މިލިއަނަށް ވުރެ ގިނައިން މީހުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދެއް ކަމަށްވާ ވާސޯގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ކޮޒިކީގައި ބޮޑު ޕްރިންޓް ބެނާއެއް ވެސް ހަރުކުރާނެ އެވެ.

އިޓާކާ އާއެކު ކުރިއަށް ގެންދާ ކެމްޕެއިންގެ ސަބަބުން ޕޮލިޝް މާކެޓްގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.