އޮމާންގެ ކުންފުންޏަކުން ހެދި ކުޑަ ވިލިނގިލި ރިސޯޓް މިއަދު ހުޅުވައިފި އެވެ.

މީގެ ހަތް އަހަރު ކުރިން ހަދަން ފެށި ލަގްޒަރީ ރިސޯޓު ތަރައްގީކުރީ އިންޑިއާއަށް އުފަން ބިލިއަނަރެއް ކަމަށްވާ މުހައްމަދު އަލީގެ އެމްފާ އިންނެވެ. މި ރިސޯޓު ހަދަން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.

އެމްފާއިންއިންޑިއާ އާއި އޮމާންގައި ގިނަ އަދަދެއްގެ ލަގްޒަރީ ހޮޓާތައް ހިންގަ އެވެ.

"ޗެޑި ކުޑަ ވިލިނގިލި" ނަމުގައި ތަރައްގީކުރި ރިސޯޓުގައި 59 ބީޗް ވިލާ އާއި 36 ވޯޓާ ވިލާއާއެކު ޖުމްލަ 95 ވިލާ ހިމެނެ އެވެ.

ކ. ކުޑަ ވިލިނގިލީގައި ހެދި ރިސޯޓު. ހަތް އަހަރު ފަހުން އެ ރިސޯޓު މިއަދު ވަނީ ހުޅުވާފައި. ފޮޓޯ: ކުޑަ ވިލިނގިލި

ފަސް ތަރީގެ މި ރިސޯޓުގައި ތަފާތު އެކި ކެއުންތައް ލިބޭ ތިން ރެސްޓޯރެންޓް ހުރެ އެވެ. އަދި ޓޫރިސްޓުން ބޭނުންވާނެ އިތުރު ޙިދުމަތްތަކާއި، ސްޕާއެއްގެ ޙިދުމަތް ވެސް މި ރިސޯޓުން ލިބެން ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 30 މިނެޓުގެ ލޯންޗު ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ކ. ވިލިވަރު ބިޔާދޫގެ ބަދަލުގައި ސަރުކާރުން ދިން ރަށެވެ. އަދި އޭނާއަށް އެ ރިސޯޓު ހެދޭނެ ގޮތެއް ނެތިގެން އެމްފާއަށް ވިއްކާލީ އެވެ.