މާލޭގައި ހުރި ސިނާއީ މަސައްކަތްކުރާ ތަންތަނާ ގުޅޭ މައުލޫމާތު ހޯދަން މާލޭ ސިޓީ ކައުންސިލުން ހާއްސަ ޕޯޓަލެއް ގާއިމްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިޕޯޓަލުގެ ބޭނުމަކީ މާލެގައި ހުރި ސިނާއީ މަސައްކަތް ކުރާ ތަންތަނުގެ މައުލޫމާތު އެއްކުރުން ކަމަށެވެ. އަދި އެއަށް ފަހު އެފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަަށް ބަދަލުކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އެމައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި އެ މަސައްކަތުގައި ވީހާ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށް މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާތީ، އެކަމަށް ހާއްސަ ޕޯޓަލްއެއް ކައުންސިލްގެ ވެބްސަޓްގައި ހުޅުވާފައިވާ ކަމަށެވެ. މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާ އަޅާތަންތަން ފަދަ ސިނާއީ މަސައްކަތް ކުރާތަންތަނުގެ މައުލޫމާތު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިޕޯޓަލް މެދުވެރިކޮށް މިކައުންސިލަށް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

ސިނާއީ މަސައްކަަތް ކުރާ ތަންތަނުގެ މައުލޫމާތު ނެގުމަށް ހާއްސަ ޕޯޓަލެއް ގާއިމްކޮށްފައިވާއިރު ސިޓީ ކައުންސިލުގެ މުވައްޒަފުން ވެސް އެފަދަ ތަންތަނަށް ޒިޔާރަތް ކޮށްގެން އަންނަނީ މައުލޫމާތު ނަގަމުންނެވެ. އަދި އެގޮތަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސްގެން މައުލޫމާތު ނަގާ ތަންތަނުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.