މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، މިފްކޯއަށް އިއްޔެ 86 ދޯންޏަކުން 347.7 ޓަނުގެ މަސް ކިރައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން މަސް ކިރާފައި ވަނީ ޅ. ފެލިވަރު ބަނދަރަށެވެ. އެރަށަށް 10 ދޯންޏަކުން 91.3 ޓަނުގެ މަސްކިރާފައިވެ އެވެ. އޭގެ އިތުރުން ގއ. ކޫއްޑޫ ބަނދަރަށް 18 ދޯންޏަކުން 69.5 ޓަނުގެ މަސް ކިރާފައިވެ އެވެ.

މަސްގަންނަ އަގަށް ދާދިފަހުން ގެނައި ބަދަލާއެކު މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މިހާރު މަސްކިލޯއެއް ގަންނަމުންދަނީ 18 ރުފިޔާ އަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާ އަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ ކިލޯއެއް 10 ރުފިޔާ އަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ.

މިދިޔަ މަހުގެ ވިހި ވަނަ ދުވަހު މިފްކޯއިން ވަނީ މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފަ އެވެ. އެއާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް އިއުލާންކޮށްފަ އެވެ.

މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު އެސްޓީއޯ އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އިއްޔެ ވެސް ވަނީ ހެޔޮކޮށްފި އެވެ.

މިފްކޯ މެދުވެރިކޮށް ވިއްކާ ތެލަށް ގެނައި މި ބަދަލާއެކު މިހާރު މަސްވެރިންނަށް ޑީސަލް ލީޓަރެއް ލިބޭނީ 6.89ރ. އަށެވެ. މީގެ އިތުރުން ސަރުކާރުގެ ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދޯނިތަކަށް އިތުރު 22 ލާރީގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެހެންވެ މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދޯނިތަކަށް ޑީސަލް ލީޓަރެއް 6.67ރ. އަށް ލިބޭނެ އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ޑީސަލްގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެއީ ލީޓަރެއް 7.33ރ. އަށެވެ.