ފައިނޭންސިން ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

އެ ބޭންކުން ބުނީ މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށް ވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު، ކަސްޓަމަރުންނަށް މުސާރައިގެ ފަސް ގުނަ އާ ހަމަޔަށް ފައިނޭންސިންއަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ އިސްލާމިކް ފައިނޭންސިންއަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އަލަށް ގެނައި ބަދަލުން ދައްކައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި އެ ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮންލައިން ކޮށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ އެވެ. މިގޮތުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން [email protected] އަށް އީމެއިލް މެދުވެރިކޮށް ވެސް އެދި ހުށަހެޅޭނެ އެވެ.