ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 35 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ކިނޮޅަހުގައި ފެނާއި ނަރުދަމާ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިޔުއެސްސީން ބުނީ އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ ގޮތުން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ 36 މިލިއަން ރުފިޔާގެ މަޝްރުއޫގެ ދަށުން ކިނޮޅަހުގައި 6.27 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނޭ ކަމަށެވެ. އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓައި، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މީގެ އިތުރުން އެ މަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ 72 ޕަސެންޓް މަސައްކަތާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ 77 ޕަސެންޓް މަސައްކަތާއި ސީ އައުޓް ފޯލް އެޅުމުގެ 35 ޕަސެންޓް މަސައްކަތް، އަދި ޕަންޕިން ސްޓޭޝަންތަކުގެ 16 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. މީގެ އިތުރުން، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 695 މީޓަރގެ ޕަމްޕިން ލައިން އެޅުން ހިމެނެ އެވެ. މިއާއެކު، ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.