އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ފަސްކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި އަންނަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މީގެ އިތުރަށް މި އަހަރަށް ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ މި ސުންގަޑިތައް ފަސްކޮށްފައި ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިއާޔަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މީރާއިން ހާމަކުރެއެވެ.

މީރާއިން ބުނިގޮތުގައި އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށް މި ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށެވެ.

މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި، ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ، އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ، ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯއްދެވުމަށް މީރާއިން އިލްތިމާސްކުރެ އެވެ.