ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ސަރުކާރުގެ ތިން ކުންފުންޏަކުން ނެގި ލޯނު އަނބުރާ ދެއްކުމުގައި ސަރުކާރުން އެހީވާން ނިންމައިފި އެވެ.

މާލީ ވުޒާރާ ނުވަތަ ފީނޭންސް މިނިސްޓްރީއިން އާއްމުކޮށްފައިވާ ފިސްކަލް ރިސްކް ސްޓޭޓްމަންޓްގައި ވާ ގޮތުން ލޯނުތަކަށް ގެރެންޓީ ދިނުމުގައި އޮތް އެންމެ ބޮޑު ރިސްކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ނުދެއްކޭ ހާލަތަށް ދިއުމެވެ.

އެ މިނިސްޓްރީން ބުނީ މި ވަގުތު ސްޓެލްކޯ އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާފައިވާ ލޯނުތައް އެ ކުންފުނިތަކަށް ނުދެއްކިގެން، ދައުލަތުން މާލީ އެހީީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ދީފައި ވަނީ ކޮންކަހަލަ ލޯނުތަކަކަށް ކަމެއް ފިނޭންސް މިނިސްޓްރީން ނުބުނެ އެވެ. އަދި ލޯނު ދެއްކުމަށް ކުންފުނިތަކަށް ދެނީ ކިހާ ފައިސާއެއްކަން ވެސް ނުބުނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ސްޓެލްކޯ އިން 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ)ގެ ލޯނެއް 2017 ވަނަ އަހަރު ނަގާފައިވެ އެވެ. އަދި 2018 ވަނަ އަހަރު މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓް ވިއުގައަކުން ގުޅުވައިދޭން "ގްރޭޓާ މާލެ އިންޓަނެކްޝަން ގްރިޑް ޕްރޮޖެކްޓް" އަށް 35 މިލިއަން ޑޮލަރު (600 މިލިއަން ރުފިޔާ)ގެ ލޯނެއް ނެގި އެވެ. އެ ދެ ޕްރޮޖެކްޓް ހިންގުމަށް އެ ކުންފުނިން ނެގި ދެ ލޯނަށް ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވެ އެވެ.

އައްޑޫ ސިޓީ ގަން އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީ ކުރަަން އޭއައިއޭ އިން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް 2015 ވަނަ އަހަރު ނަގާފައިވަނީ ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ.

މީގެ އިތުރުން ހައުސިން ޑިވޮލެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގާފައިވާ 10 ލޯނަކަށް ސަރުކާރުން ގެރެންޓީދީފައިވެ އެވެ. މީގެ ތެރޭގައި ފޭސް ޓޫގެ މަގު ހެދުމާއި 7،000 ފްލެޓް އެޅުމާއި ހުޅުލެ އާއި ހުޅުމާލޭގެ ލިންގް ރޯޑް ހެދުމުގެ މަސައްކަތް ކުރުމަށް ވެސް ލޯނު ނަގާފައިވެ އެވެ. އެ ކުންފުނިން ނެގި ލޯނުގެ އަދަދު 796 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

އެޗްޑީސީއަކީ ކުރީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން އެންމެ ގިނައިން ލޯނުތައް ނަގާފައިވާ ކުންފުންޏެވެ. މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނެގި 25 ލޯނަކަށް ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވެ އެވެ. ފިނޭންސުން މީގެ ކުރިން ބުނެފައި ވަނީ ސަރުކާރުން ލޯނު ގެރެންޓީ ދޭ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.