ޓޫރިޒަމާއި ވިޔަފާރިތަކަށް އެހީވުމަށް އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 10 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އެ ލޯނު ދޫކުރެވޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނުހަނު ބޮޑަށް ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

"ރާއްޖޭގެ އިިގްތިސާދުގެ މައިގަނޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތެއް. އަދި މި ސިނާއަތުން ސީދާކޮށް ލިބޭ އާމްދަނީ އިން ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާ ކުރާއިރު އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ދިރިއުޅުމާވެސް ގުޅިފައިވަނީ މި ސިނާއަތާ. ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް މިވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި. މިއާއެކު ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެގެން ދިޔުމާއެކު އާންމުފަރުދުންގެ ދިރިއުޅުމަށާއި ކުދި ވިޔަފާރިތަކަށް މިވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައި،" ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބޭންކުން ބުނިގޮތުގައި ދާދި ފަހުން ޝާއިއުކުރި ވޯލްޑް ބޭންކުގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުން 2020 ވަނަ އަހަރު ދިވެހި ރާއްޖޭގެ އިގްތިސާދު ވަނީ 30 ޕަސެންޓް ދަށްވެފަ އެވެ. އަދި 2019 ގައި، 2.1 ޕަސެންޓްގެ ހުރި ފަގީރުންގެ ނިސްބަތް 2020 ވަނަ އަހަރު ވަނީ 7.2 ޕަސެންޓަށް އުފުލިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެ ކުރީގައި އޮތް ބޭންކް އެވެ. މި އެއްބަސްވުމުގެ ދަށުން އެ ބޭންކުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުން ހުރި ވިޔަފާރިތައް ހިންގުމަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ފައިސާ ދޫކުރަމުންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މި ފަންޑިން ހަމަޖެހިގެން ދިޔައީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށާއި ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ނުހަނު ހައްސާސް ދަނޑިވަޅެއްގައި ކަމަށެވެ.

" ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ހާލަތު ފެށުނީއްސުރެ ބޭންކުން އިސްނަގައިގެން ވާނީ މަސައްކަތްތަކެއްކޮށްފައި. އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީ ގައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއްވެސްމެ،" އޭނާ ވިދާޅުވި އެވެ.

އޯޕެކް ފަންޑުގެ ޑިރެކްޓަ ޖެނެރަލް ޑރ. އަބްދުލް ހާމިދު އަލްޚަލީފާ ވިދާޅުވީ މި ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓާ ފަންޑިން އާއެކު ރާއްޖޭގައި ގާއިމްކޮށްފައި ބަދަހި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލް ޚަލީފާ ވިދާޅުވީ އޯޕެކް އާއި ރާއްޖޭގެ ގުޅުން 1977 ވަނަ އަހަރު އުފެދުނީއްސުރެ މިވޭތުވެދިޔަ އެތައް އަހަރުތަކެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ ތަރައްގީގެ މުހިންމު ޕްރެޖެކްޓްތަކަށް އޯޕެކް ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވޭވެނެ ފަދަ ރަނގަޅު ހާލަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ލޯނާއެކު ވިޔަފާރިތަކަށް ދިރުން ލިބި، ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެ. މިއީ އިގްތިސާދު ހަމަޖެހުމަށް ބޭނުންވާ ނުހަނު މުހިންމު ކަންތައްތަކެއް،" ޚަލީފާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ އޯޕެކް ފަންޑުގެ ލޯނަކީ ވޯލްޑް ބޭންކް މެންބަރެއް ކަމަށްވާ އައިއެފްސީ އިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެއް ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމުގައި ފަތުރުވެރިކަމުގެ ސިނާއަތް އާރާސްތުކުރުމަށް އެހީތެރިވުމަކީ ވަރަށް މުހިންމުކަމެއް،" ރީޖަނަލް ޑައިރެކްޓަ ފޯ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ގްރޫޕް ފޯ އައިއެފްސީ އޭޝިއާ އެންޑް ޕެސިފިކް ރޯޒީ ޚައްނާ ވިދާޅުވި އެވެ. "ޕާރޓްނާ އިދާރާތަކާއެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ފައިނޭންސިން ހޯދާއިދިނުމުގައި އައިއެފްސީ އިން މިއަންނަނީ އިސްދައުރެއް އަދާކުރަމުން. އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ބޭންކް އޮފް މޯލްޑިވްސް އަށް ލޯނު ދޫކުރުމަށް ކޯ- ލެންޑާ އެއްގެ ގޮތުގައި އޯޕެކް ފަންޑު ހަމަޖެއްސުމުގައި އައިއެފްސީ އަށް އިސްދައުރެއް އަދާކުރެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އޯޕެކް ފަންޑުން ލިބޭ މި އެހީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވި، އެ ވިޔަފާރިތައް އާރާސްތުކުރުމަށް އިތުރު ބާރަކަށްވެގެންދާނެ."

އޯޕެކް ފަންޑުގެ އެހީގައި ގިނަ އަހަރުތަކެއް ވަންދެން މިވަނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ އަށް ލޯނު ދޫކޮށްފައެވެ. މީގެ ތެރެއިން ބޮޑު ބަައެއް ހިއްސާ ކުރަނީ ދަތުރު ފަތުރުގެ ނިޒާމް، މަލްޓި-ސެކްޓޯރަލް، ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން މާލީ ދާއިރާއެވެ. މި ލޯނަކީ ޕާޓްނަރ ގައުމުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރަިގަތުމަށް އެހީތެރިވުމަށް މިދިޔަ އަހަރު ފާސްކުރެވުނު އޯޕެކް ފަންޑުގެ ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރެވޭ ލޯނެކެވެ.

އެ ބޭންކުން ބުނިގޮތުގައި މި ލޯނާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ އެވެ.