ބޭނުންކުރަން ހުންނަ ޑޮލަރުގެ ރިޒާވް 122 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.

އެމްއެމްއޭ އިން މިދިޔަ ހަފުތާގައި ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ޔޫޒަބްލް ރިޒާވް ވަނީ 122.3 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މީގެ އިތުރުން ޖުމްލަ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވެސް ވަނީ 569.6 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ޔޫޒަބްލް ރިޒާވްގެ ގޮތުގައި 311.3 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް ކޮވިޑާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ފެބްރުއަރީ މަހުން ފެށިގެން ދަށްވުމުން ރިޒާވް ވެސް އައީ ދަށްވަމުންނެވެ. މީގެ އިތުރުން ޖުމްލަ ރިޒާވްގެ ގޮތުގައި ވެސް މިއަހަރު ފެށުނު އިރު 776.6 މިލިއަން ޑޮލަރު ހުއްޓެވެ.

އެމްއެމްއޭ އިން މިދިޔަ މަހު ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ޑޮލަރަށް ޑިމާންޑް އިންތިހާއަށް ބޮޑުވަމުންދާތީ ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ.

"މިދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަ ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ވަނީ ކޯވިޑް-19 އަށް ޚާއްސަކޮށްގެން އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރުކޮށްފައި. ހަމައެއާއެކު، ސެޕްޓެމްބަރު މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާއިރު، މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އޭގެ އިތުރުން، ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ކުރިން ހުރި 10 ޕަސެންޓުން 7.5 ޕަސެންޓަށް އޭޕްރިލް މަހުގެ ތެރޭގައި ދަށްކުރި ކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5 ޕަސެންޓުން 5 ޕަސެންޓަށް އިތުރަށް ދަށްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.