މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އާއްމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށެވެ. މި ޖަލްސާ އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 1:00 ގަ އެވެ.

މިޖަލްސާގައި ބައިވެރިވެވޭނީ މެއި 19، 2021 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ލިސްޓިން ރޫލްސްއާއި ސެކިއުރިޓީޒް ކޮންޓިނުއިން ޑިސްކްލޯޝާ އޮބްލިގޭޝަން އޮފް އިޝުއަރޒް ރެގިއުލޭޝަންގެ ދަށުން، ކުންފުނިތަކުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހެ އެވެ. ނަމަވެސް އެމްޓީސީސީން މި ޖަލްސާ ބާއްވަން ނިންމާފައިވާ ތާރިހު ފަސްކުރީ ކެޕިޓަލް މާކެޓް އޮތޯރިޓީގެ ހުއްދަ އާއެކުގައި ކަމަށާއި އާއްމު ޖަލްސާ ފަސް ކުރަންޖެހުނީ އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެންކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުމާއި ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަނުކުރާނެ އެވެ. އަދި ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑަށް އައްޔަނު ކޮށްފައިވާ އަދި އިންތިހާބުވެފައިވާ ފަރާތްތައް އިއުލާނު ކުރުން ވެސް އޮންނާނެ އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފަ އެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.