ރާއްޖޭގެ އިގްތިސާދަށް ކޮވިޑް19ގެ ސަބަބުން މިވަރުގެ ބޮޑު ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ޓޫރިޒަމަށް ގައުމުގެ އިގްތިސާދު ބަރޯސާވެފައި އޮތުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ މީޓިންގައި، "ޕޮޓެންޝަލް ފޯ ސައުތު އޭޝިއާ"، މި މައުޟޫއުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޤައުމުތަކުގެ މެދުގައި އަދި ގައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެއްޖެ ކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުރިއާލާ ފިޔަވަޅުތަކެއް އެޅިނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ކޮވިޑް19ގެ ސަބަބުން މިވަރުގެ ލޮޅުމެއް އައިސްފައި ވަނީ ހަމައެކަނި ފަތުރުވެރިކަމަށް ޤައުމުގެ އިގްތިސާދު ބަރޯސާވެފައި އޮތުމުން ކަމަށާއި ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި ޕްލޭންތަކުގެ ތެރޭގައި އިގްތިސާދު ޑައިވާސިފައިކޮށް، ޓޫރިޒަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިޔަށްދިޔަ ހޮރައިސިސް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ފޮރިން މިނިސްޓަރު ޝާހިދު އާއި އެހެން ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްފަދަ އަވަށްޓެރި ގައުމުތަކުން މާލީ އެހީއާއި، ލޯނު އަދި ތަކެތީގެ އެހީ ފޯރުކޯށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީފައިވާތީ، އެ ގައުމަކަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވާނީ ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރް ގްޔަވާލީ އާއި، ބަންގްލަދޭޝްގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝަރިއާރް އާލަމް އާއި، އިންޑިއާގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ރޯޑް، ޓްރާންސްޕޯޓް އެންޑް ހައިވޭސް ވީ.ކޭ ސިންހްއެވެ. ބައްދަލުވުން މޮޑަރޭޓްކޮށްދެއްވީ ޗައުދަރީ ގްރޫޕް ގްލޯބަލްގެ ޗެއާމަން ބިނޯދް ޗައުދަރީ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ (ސާކް)ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވާފަ އެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށް ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ހަމައެއާއެކު، އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ހާމަވެގެން ހިނގައްޖެކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ހޮރަސިސް އަކީ ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ތިންކް ޓޭންކެކެވެ. 2005 ވަނަ އަހަރު މި ތިންކް ޓޭންކް ގާއިމްކުރީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑައިރެކްޓަ ފްރޭންކް ޖަގަން ރިކްޓާ އެވެ. އދގެ އާއްމު މަޖިލީހުގެ ހާވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުން ވެސް ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.