ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާނާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި، އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި ފަސްކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، މިހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިއާޔަތްކޮށް، މިއަހަރުގެ އެޕްރީލް މަހަށް ހުށަހަޅަން ޖެހޭ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާނާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި، އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްދީފައިވާ ކަމަށެވެ.

އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތައް ފަސްކޮށްދީފައިވާ ކަމަށެވެ. އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފަށާ ދުވަހާ ދެމެދު އަންނަ ސުންގަޑިތައް ވެސް ފަސްކޮށްދީފައިވާ ކަމަށް މީރާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ފަސްކޮށްދީފައިވާ ސުންގަޑިތަކުގެ އައު ސުންގަޑިތައް މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފެށުމުން އިޢުލާންކުރާނެ ކަމަށެވެ.

މީރާއަށް ހުށަހަޅާ ހުރިހާ ޓެކްސް ބަޔާނާއި ދައްކާ ހުރިހާ ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ، ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް މީރާއިން އިލްތިމާސްކުރެ އެވެ.