ފާއިތުވި މިދިޔަ މެއި މަސް ތެރޭގައި، ރާއްޖޭގެ އުތުރުގެ ރަށްތަކަށް އާދަޔާ ހިލާފަށް ވައި ގަދަވެ އުދަ އެރުމުގެ ސަބަބުން ގެއްލުން ލިބުނު ހއ.ހޯރަފުށީ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

ހޯރަފުށި އެއާޕޯޓަށް އުދަ އެރުމުގެ ސަބަބުން އެ އެއާޕޯޓުގެ ގެ އެރައިވަލް އަދި ޑިޕާޗާ ދޮރު ވެއްޓި ތަޅައިގެން ގޮސްފައިވެ އެވެ. އަދި އެއާޕޯޓުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގެ ސީލިންގްވެސް ވަނީ ވެއްޓިފަ އެވެ. އަދި މީގެ އިތުރުން އުދަ އެރުމުގެ ސަބަބުން އެ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ވަނީ ގަލާއި ވެލި އަރާފަ އެެވެ.

މިއަދު އެމްޓީސީސީން ބުނީ ހޯރަފުށި އެއާޕޯޓު އެއްކޮށް މިދިޔަ އަންގާރު ދުވަހު ނިންމާލާފައިވާ ކަމަށެވެ.ހޯރަފުށީ އެއަރޕޯޓް ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީންނެވެ. އެ އެއާޕޯޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކޮށްފައި ވަނީ ނޮވެމްބަރު މަސް ތެރޭގަ އެވެ.

އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެ އެވެ. އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.