މިރޭ ފަށާ ޔޫރޯ 2020ގެ މެޗުތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ ދިރާގު ޓީވީ އާއި ދިރާގު ޕްލޭ މެދުވެރިކޮށް މެޗުތައް ބެލޭގޮތް ހަމަޖެއްސީ މި ދުވަސްވަރު ގޭގައި ތިބެން ޖެހުނު ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ޔޫރޯގެ މެޗުތައް ގޭގައި ތިބެގެން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ބަލާލުވުމުގެ ފުރުސަތު ލިބޭއިރު، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް، ޖީއެސްޓީއަކާ ނުލައި މަހަކު އެންމެ 65 ރުފިޔާއަށް ޔޫރޯގެ މެޗްތަކުގެ އިތުރުން ޗެނަލްތައް ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ސޮނީ ޓެން 2 އެޗްޑީ އަދި ލޯކަލް ބްރޯޑްކާސްޓަރު ރާއްޖެޓީވީ އިން ބަލާލެވޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ މެދުވެރިކޮށް ޗެނަލްތައް ބަލާ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ހަރަދެއް ނުހިނގާނެ ކަމަށެވެ. މި އެޕް މެދުވެރިކޮށް ފޯނު ފަދަ ޑިވައިސްތަކުން ވެސް ޓީވީ ބެލޭނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ގެއިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ސިއްހީ މާހިރުން ލަފާ ދީފައިވާއިރު ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ތިބުމަށް އެހީވުމުގެ ގޮތުން ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. އެގޮތުން ދިރާގު ވަނީ އެކުންފުނީގެ ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭއިރު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓްކޮށްގެންނާއި ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްގެން ވެސް ޔޫރޯގެ މެޗުތައް ބެލުމުގެ ފުރުސަތު ފަހިގޮތްދީފަ އެވެ.