މާލެ އާއި ހުޅުމާލޭގައި މަލްޓި ސްޓޯރީ ވެއާހައުސްތައް ތަރައްގީކުރަން އެސްޓީއޯ ނިންމައިފި އެވެ.

އެސްޓީއޯއިން ރާއްޖެއަށް ގެންނަ މުދާ ގުދަންކުރުމަށް ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައި ވަނީ މަލްޓި ޕާޕަސް ވެއާހައުސްއެކެވެ. ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ތަރައްގީކުރާ މި ވެއާހައުސްތަކުގެ ބޮޑު މިނުގައި 40،000 އަކަފޫޓު ހުންނާނެ އެވެ. އަދި އުސް މިނުގައި 18.5 މީޓަރު ހުންނާނެއެވެ. މިއީ ގާތްގަނޑަކަށް 5 ބުރި އާއި 8 ބުރީގެ އިމާރާތެކެވެ.

އެސްޓީއޯއިން ދެން ތަރައްގީކުރަން ނިންމާފައި ވަނީ ސިިއްހީ ސާމާނު ރައްކާކުރަން ޚާއްސަ ގުދަނެކެވެ. މި ގުދަން ތަރައްގީކުރަން ނިންމާފައި ވަނީ މާލޭ ބުލޮކް ނަމްބަރު 5 ގަ އެވެ. 20،000 އަކަފޫޓުގެ ބިމެއްގައި ތަރައްގީކުރާ މި އިމާރާތުގެ އުސްމިނުގައި 18 މީޓަރު ހުންނާނެ އެވެ. މިއީ ގާތްގަނޑަކަށް 5 ބުރި އާއި 8 ބުރީގެ އިމާރާތެއްގެ އުސްމިނެވެ.

އެސްޓީއޯއިން ބުނީ އަލަށް ހަދާ މަލްޓީ-ސްޓޯރީ ވެއާހައުސްތަކާއެކު މުދާ ގުދަން ކުރުމުގައި އެސްޓީއޯއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިހާރު ގުދަންކުރުމަށް ތަންތަން ކުއްޔަށް ހިފަންޖެހިފައިވާ ކަމަށާއި އެކަމަށް ބޮޑު ޚަރަދެއް ހިނގާ ކަމަށް އެ ކުންފުނިން ބުންޏެވެ

އެ ގުދަންތައް ހަދަން އެސްޓީއޯއިން ވަނީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. އެގޮތުން މި މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމާއި، ޑިޒައިން އަދި ކޮންސަލްޓަންސީގެ ޙިދުމަތްދިނުމަށް ޝައުގުވެރިވާ ފަރާތްތައް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު، އީއޯއީ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެެ. އީއޯއައި ހުށަހަޅަން ޖެހެނީ މިމަހުގެ 14ވަނަ ދުވަހުގެ ކުރިންނެވެ.