ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެމްއެމްއޭ އިން ބޭންކުތަކުގެ ހިދުމަތްތައް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފައި ވާތީ ބީއެމްއެލްގެ ހިދުމަތްތައް ދޭނެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ބީއެމްއެލްއިން ބުނީ މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް ކާޑު ދޫކުރާނެ ކަމަށެވެ. ނަމަވެސް ބޭންކުގެ ހުރިހާ ބްރާބްޗްތަކާއި ސާވިސް ސެންޓަރުތައް މި މުއްދަތުގައި ބަންދުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން ހުޅުމާލެ ބްރާންޗުން ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށް ކާޑު ދޫކުރާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ޕްރޮސެސް ކޮށްދޭނީ އެ ދުވަހެއްގެ 11:00 ޖެހުމުގެ ކުރިން ބީއެމްއެލް އަށް ލިބޭ ހުށަހެޅުންތައް ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ މެންދުރު 12:00ގެ ކުރިން މުވައްޒަފުންގެ މުސާރަ ފޮނުވުމުން އެ ދުވަހުން ޖަމާކޮށްދޭން ނިންމާފައި ވަނީ ހަމައެކަނި ބީއެމްއެލްގެ އެކައުންޓްތަކަށް ކަމަށް އެ ބޭންކުން ބުންޏެވެ. އެހެން ބޭންކުތަކުގެ އެކައުންޓަށް މުސާރަ ޖަމާ ކުރާނަމަ އެ ދުވަހަކު ޕްރޮސެސް ކޮށްދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ބީއެމްއެލް ޗެކްތަކުގެ ތެރެއިން ޕްރޮސެސް ކުރާނީ މެންދުރު 12:00ގެ ކުރިން ޖަމާ ކުރާ ޗެކްތަކަމަށާއި އަދި ހޯމަ، އަންގާރަ، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ކްލިއަރިން ޗެކްތައް ވެސް އެ ދުވަހަކު ޕްރޮސެސް ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ހެނދުނު 11:00ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ޓްރާންސްފާތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ހެނދުނު 11:00ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް 100،000 ރުފިޔާއަށް ވުރެ މަތިން ލިބޭ އާރްޓީޖީއެސް ޓްރާންސްފާތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. މީގެ އިތުރުން ހެނދުނު 11:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ ޓްރާންސްފާ އެ ދުވަހު ޕްރޮސެސްވާނެ ކަމަށް ވެސް ބިއެމްއެލް އިން ބުންޏެވެ.