ދަތުރުކުރި ފަސިންޖަރުންގެ އަދަދު އިތުރުވިޔަސް، މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އެއާ ޓްރެފިކް މޫވްމަންޓް މަދުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު 448 އިންޓަނޭޝަނަލް އެއާ ޓްރެފިކް މޫވްމަންޓް ހުރިއިރު، މިދިޔަ މަހު ހުރީ 426 އަށް އެ އަދަދު ދަށްވެފަ އެވެ. އަދި ޑޮމެސްޓިކް މޫވްމަންޓްސް ވެސް ވަނީ 319 ން 304 އަށް ދަށްވެފަ އެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ފްލައިޓު މޫވަމަންޓުތައް މަދު ނަމަވެސް އޮގަސްޓު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ވީއައިއޭގެ ޕެސެންޖާ ޓްރެފިކް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު އެކި ގައުމުތަކުން 13،487 ފަސިންޖަރުން ރާއްޖެ ޒިޔާރަތް ކުރި އިރު އެކި ރަށްރަށުން ވީއައިއޭއަށް 3،892 ފަސިންޖަރުން ވަނީ އައިސްފަ އެވެ.

މީގެ އިތުރުން 13،739 މީހުން ރާއްޖޭން ބޭރަށް ގޮސްފައިވާއިރު ވީއައިއޭއިން އެކި ރަށްރަށަށް 3،743 މީހުން ގޮސްފައިވާ ކަމަށް ތަފާސް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާޗް 27 ން ފެށިގެން ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ގަ އެވެ. ބޯޑަރު ހުޅުވިފަހުން މިހާތަނަށް 27،563 މީހުން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ރާއްޖެ އަންނަ އެއާލައިންތައް މަޑުމަޑުން ވަނީ އިތުރުވާން ފަށައިފަ އެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ރިސޯޓްތަކެއް ވެސް ވަނީ ހުޅުވައިފަ އެވެ އަދި މި މަހުގެ 15 އިން ފެށިގެން ރަށްރަށުގެ ގެސްޓުހައުސްތައް ވެސް ހުޅުވާލާނެ އެވެ.

ސަރުކާރުން ވަނީ އެއް ފަހަރަށްވުރެ ގިނައިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް އިމިގްރޭޝަނާއި ޓޫރިޒަމް އަދި އެމްއޭސީއެލް ގުޅިގެން ބޯޑާ މައިލްސް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.