ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގުމުގެ ފުރުސަތު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް ބަދަލު ގެނެސްފި އެވެ.

އެފްޑީއައި ޕޮލިސީއަށް ބަދަލު ގެނެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 ޕަސެންޓް ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ އެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ އިސްލާހުގައި ބުނެފައި ވަނީ ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 ޕަސެންޓް ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ ކަމަށެވެ.

މި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ.

އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ 100 ޕަސެންޓް ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭނެ އެވެ. ކުރީގައި ގަވާއިދުގައި ވާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ.

މިސަރުކާރު އައިސް އިންޑިއާގެ ގިނަ ކުންފުނިތަކަށް ގިނަ މަޝްރޫއުތަކެއް ހަވާލުކުރަމުން އަންނަކަން ފާހަގަކުރެ އެވެ. އަދި މިސަރުކާރާއި އިންޑިއާ ދެމެދު އަޑި ނޭނގޭ އެތަކެއް އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް އަންނަނީ ގިނަ ބަޔަކު ބުނަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއަށް ބަދަލު ގެނައިއިރު، ސަރުކާރުގެ ކުންފުނިތަކެއް ޕްރައިވެޓައިޒްކޮށްގެން ދެ ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.