ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 59.4 ކިލޯ ވޯޓްގެ ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު 59.4 ކިލޯ ވޯޓްގެ ސޯލާޕެނަލް އިންސްޓޯލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުންޏެވެ.

ސޯލާޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ނިމުމުން ހަކަތަ އުފެއްދުމަށް ތެޔޮ ބޭނުންކުރާ މިންވަރު މަދުވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓް ބިލު ވެސް ކުޑަ ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ ހެޔޮއަގެއްގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ގަނެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެ އަމާޒު ހިފާފައި ވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.