ކުދި ވިޔަފާރިކުރާ މީހުންގެ ލޯނުތަށް ދެއްކުން ފަސްކޮށްދޭން ސަރުކާރުން ނިންމާފައިވާ ނިންމުން ދިގު ދަންމާލަން ހުށަހެޅި ގަރާރަކަށް ތާއީދުކޮށް، ލޯނު ދެއްކުން ދޮޅު އަހަރަށް ފަސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.

ލޯނުތައް ދެއްކުން ފަސްކޮށްދީ، މިހާރު ހަމަޖައްސާފައިވާ މޮރިޓޯރިއަމްގެ މުއްދަތު ހަ މަަހަށް އިތުރުކޮށްދޭން ގޮވާލައްވައި ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ގަރާރަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ގިނަ މެމްބަރުން ވިދާޅުވީ މޮރިޓޯރިއަމްގެ މުއްދަތު އިތުރުކުރުން މިހާލަތުގައި ވަރަށް މުހިއްމު ކަމަށެވެ.

މިއަދު ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން މެމްބަރުން ތާއިދު ކުރިޔަސް މިދިޔަ އޭޕްރިލް މަހު މަޖިލީހުން ފާސްކޮށްފައި ވަނީ މުއްދަތު އިތުރު ނުކުރުމަށެވެ.

އޭރު އެގޮތަށް ނިންމީ ކޮވިޑް ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައި އޮތުމުންނެވެ. އެކަމަކު މިދިޔަ މަހު ރާއްޖޭގައި ކޮވިޑްގެ އަދަދުތައް އަނެއްކާ ވެސް މައްޗަށް ދިއުމުން ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އެ ގަރާރު ހުށަހެޅުއްވި މުމްތާޒް ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ކޮވިޑްގެ ފުރަތަމަ ރާޅުގައި އެޅި ފިޔަވަޅުތަކާ އެއްފަދަ ފިޔަަވަޅުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުގެ ފިޔަވަޅުތަކުން ވެސް ވިޔަފާރިތަކަށް ނުކުންނަމުން ދަނީ ފުރަތަމަ ރާޅާ އެޅި ފިޔަވަޅުތަކާ އެއްފަދަ ނަތީޖާތަކެއް ކަމަށެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މޮރިޓޯރިއަމްގެ މުއްދަތު އިތުރުކޮށްގެން ނޫނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މޮރިޓޯރިއަމްގެ މުއްދަތު ހަމަވެ، ލޯނުތައް އަލުން ދައްކަން ފަށަން ޖެހުމަކީ ކުދި ވިޔަފާރިތަކަށް މިހާރު ކުރިމަތިވާނެ އެންމެ ބޮޑު ދަތި ކަމަށެވެ. އެއީ ކޮވިޑް ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ވަރަށް މަދު ވިޔަފާރިތަކެއް ފިޔަވައި އެހެން ވިޔަފާރިތަކަށް ގެއްލުން ވަމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެދުނީ ހަމަސްދުވަހުގެ ބަދަލުގައި ދޮޅު އަހަރު ދުވަހަށް މޮރިޓޯރިއަމްގެ މުއްދަތު މަދުވެގެން ދޮޅު އަހަރު ދުވަހަށް ދަންމާލަ ދިނުމަށެވެ.

ވިޔަފާރިތަކަށް ވަމުންދާ ގެއްލުމުގެ މިސާލެއްގެ ގޮތުގައި ޝިޔާމް ދެއްކެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ނައިފަރުގެ ވިޔަފާރިތަކެވެ. އެ ރަށުގައި ކޮވިޑްގެ ކޮވިޑް ފެތުރެން ފެށުމުން، އެޅި ފިޔަވަޅުތަކަށް ތިން މަސްދުވަސް ވާން ދާއިރު ޝިޔާމް ވިދާޅުވި ގޮތުގައި ނައިފަރުގެ އިގުތިސާދީ ހަރަކާތްތައް ހިންގާ ފަރާތްތަަކަށް 45 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.