ށ. ފޭދޫ އަދި ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ގިނަ ބަނދަރު ތަރައްގީކުރާ ކުންފުނި، އެމްޓީސީސީއިން ބުނީ ށ. ފޭދުގެ ބަނދަރުގެ 28 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަރުބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ މަސައްކަތްތަކަށް ބަލާއިރު، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެ އެވެ.

މި މަޝްރޫއަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ބިލެތްފަހިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ އެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން މިހާރު އެންމެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏަކީ ވެސް އެމްޓީސީސީ އެވެ.