ސަރުކާރުން ރޭ އިއުލާންކުރި "ގެދޮރުވެރިޔާ" ލޯން ސްކީމަށް ގިނަ ބަޔަކުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގުޅިގެން ރޭ އިއުލާންކުރި "ގެދޮރުވެރިޔާ" ލޯން ސްކީމަކީ މާލީ ތަނަވަސްކަން ނެތިގެން އަމިއްލަ ބޯހިޔާވަހިކަމަށް ހުރަސްއެޅިފައި ތިބި އާއިލާތަކަށް ހާއްސަކޮށްގެން ތައާރަފް ކުރި ސްކީމެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް، ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގައި ހަތް ލައްކަ ރުފިޔާ އާ ހަމައަށް ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެ ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭނެ އެވެ. އެ ސްކީމްގެ ދަށުން ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެހެން ނަމަވެސް މިލޯނަކީ ކުޑަ އިންޓަރެސްޓާއެކު ދޫކުރާ ލޯނެއް ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިކަމުގައި ވެސް އޮޅުވާލުންތަކެއް ހުރި ކަމަށް ސޯޝަލް މީޑިއާގައި މީހުން ދަނީ ފާޅުކުރަމުންނެވެ.

މިކަމާ ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ލޯނުގެ ގޮތުގައި ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ވިހި އަހަރު ތެރޭގައި ދައްކަން ޖެހޭ ކަމަށެވެ.

މާލީ ތަނަވަސްކަން ނެތިގެން އުޅޭ ބަޔަކަށް މިފަދަ ލޯނެއް ތައާރަފް ކުރާއިރު، ބަލަންވާ ވަރަށް ނުބަލާ ތައާރަފުކޮށްފައިވާ ލޯނު ސްކީމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެހެން މީހަކު މިކަމާ ބެހޭ ގޮތުން ބުނެފައި ވަނީ ކޮންވެންޝަނަލް ބޭންކިން ނިޒާމެއްގައި ނަގާހެން ކޮމްޕައުންޑް އިންޓަރެސްޓް ނެގީމާ ކަމަކު ނުދާނެ ކަމަށާއި އިސްލާމިކް ކޮންސެޕްޓަކަށް ނެގޭ އެޑްމިނިސްޓްރޭޓިވް ޗާޖެއް ނަގާ ގޮތަށް ތިޔަ ލޯނު ދިނުމުން ރައްޔިތުންނަށް ފައިދާވާނެ ކަމަށެވެ.

މިވެރިކަން ނިމޭއިރު ކޮންމެ ރައްޔިތަކުން ދަރިކުރާނެ ގޮތެއް ނެތިގެން އުޅޭ ހެން ހީވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ "މިނިމަމް ވޭޖް 4،000 ރުފިޔާ ދޭން ނުކެރުނު ބަޔަކު ގެދޮރުވެރި ކުރަން 5،000ރުފިޔާ އަތުލަނީ؟ އެންމެ ފަހުން ލާރި ނުދެއްކިގެން ގެ އަތުލައި ނިކަމެތި މީހާ މަގުމަތިވާނީ. މިޔައް ކިޔަނީ 'ގެދޮރު ފޭރޭ' ސިޔާސަތު" ކަމަށެވެ.

"ގެދޮރުވެރިޔާ" ލޯން ސްކީމަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ތައާރަފްކުރި ލޯނެއް ކަމަށް ވެސް ބައެއް ފަރާތުން ވަނީ ބުނެފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރާނެ ކަމެއް ނެތިގެން އުޅެންޏާ އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

"ހެޔޮނުވާނެ އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް އިސްތިއުފާދީފަ ފައިބާ، އެއްވެސް ކަމެއްވާ ބައެއް ނޫން ތީކީ، ރައްޔިތުން ހަނާވެ ނިމިއްޖެ. ތިއުޅެނީ ބެންކުން ލޯނު ނަގާ މީހުން މަދުވުމުން ރައްޔިތުންގެ ބޮލުގައި ލޯނު އަޅުވަން، ހެޔޮނުވާނެ ބެންކް ލޯނެއްގައި އެޅެން،" މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.