ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒްކުރުމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފި އެވެ.

ޕީސީބީގެ ނައިބު ރައީސް އާސިމް މުހައްމަދު މީޑިއާ މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރައިވެޓައިޒްކުރުމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ދުރާލައި ހަދާފައިހުރުން އެއީ އެ ބޯޑުން ނިންމާފައި ހުންނަން ޖެހޭ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ބައެއް ގަވައިދުތައް ކުރިން ވެސް ހުރިއިރު، އެފަދަ ގަވައިދުތައް އިސްލާހުކޮށް އާ ގަވައިދުތަކާއި އާ އުސޫލުތައް ހެދުމަކީ ވެސް ބޯޑުން ކުރަންޖެހޭ ކަމެއް ކަމަށް ފެނިގެން ގަވައިދުތަކެއް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުންފުނިތަކަށް ޕްރައިވެޓައިޒްކުރުމުގެ ވިސްނުން ސަރުކާރުން ހާމަކުރީ ޕީސީބީއާ މަޝްވަރާނުކޮށެވެ. ސަރުކާރުން އެކަމުގެ މަޝްވަރާތައް ޕީސީބީއާ ކުރާނީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގައި ސަރުކާރުން ގޮތްތަކެއް ނިންމުމަށްފަހު އެކަން ތަންފީޒު ކުރާ މަރުހަލާ އަށް އައުމުންނެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަކީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ދަރަނިވެރިވެފައިވާ ކުންފުނިތަކަކަށް ވާތީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ މިވަގުތު ކުރުން ރަނގަޅުކަމެއްތޯ ސުވާލުކުރުމުން އާސިމް ވިދާޅުވީ ސަރުކާރުގެ ކުންފުންޏެއް ޕްރައިވެޓައިޒް ކުރާނަމަ އެންމެ ފުރަތަމަ ވެސް އާންމުންގެ މަސްލަހަތާއި އެ ކުންފުންޏަކާ ގުޅިފައިވާ މިންވަރެއް ސަރުކާރުން ބަލައި ވަޒަންކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކުންފުންޏެއް ޕްރައިވެޓައިޒް ކޮށްގެން ފައިދާއެއް ނުވާ ހާލަތެއްގައި އަދި ފައިދާ ނުވާ ކުންފުންޏެއް ޕްރައިވެޓައިޒް ކުރަން ހުޅުވާލާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް މިއަހަރުގެ ތެރޭގައި ޕްރައިވެޓައިޒް ކުރާނެ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފަ އެވެ.