ރާއްޖޭގެ އެއާޕޯޓްތައް ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ބޭރުގެ ކުންފުނިތަކަށް ހިންގުމުގެ ފުރުސަތު އޮތް ނަމަވެސް ވައިގެ ޓްރެފިކް ކޮންޓްރޯލް ނުލިބޭގޮތަށް އިސްލާހުކޮށް، އަލުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީ ގެޒެޓްކޮށްފި އެވެ.

އެފްއައިޑީއަށް ސަރުކާރުން ގެނައި ބަދަލު އެންމެ ފުރަތަމަ ގެޒެޓްގައި ޝާއިއުކުރިއިރު އޮތީ ބޭރުގެ 100 ޕަސެންޓް ޚިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ދޫކޮށްލާއިރު، ވައިގެ ޓްރެފިކް ކޮންޓްރޯލްކުރުމުގެ ހަރަކާތްތައް ވެސް ހިމެނޭ ގޮތަށެވެ.

އެހެން ނަވަމެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާ ގުޅިގެން އެ އިސްލާހު ބަދަލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައި އެވެ. އަދި ވައިގެ ޓްރެފިކް ބެލެހައްޓުމުގެ މަސައްކަތް ކުރާނީ ސަރުކާރުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެ އިސްލާހަށް ބަދަލުތަކެއް ގެނެސް ސަރުކާރުގެ ގެޒެޓުގައި އަލުން ޝާއިޢުކޮށްފައިވާއިރު އެ އިސްލާހުގައި ބުނެފައިވަނީ 100 ޕަސެންޓް ބޭރުގެ ކުންފުނިތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދެވޭނެ ކަމަށާއި އެކަމަކު އެއިން ދިވެހި ދައުލަތުގެ ޚިދުމަތްތައް އުނިވާނެ ކަމަށެވެ. އެގޮތުން ދިވެހި ދައުލަތުގެ ޚިދުމަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ވައިގެ ޓްރެފިކްގެ ޚިދުމަތުގެ ކޮންޓްރޯލްއާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންއާއި، އޭވިއޭޝަން ފަދަ ޚިދުމަތްތަކެވެ.

އިކޮނޮމިކް މިނިސްޓްރީން އެފްޑީއައިއަށް ބަދަލު ގެނައިރު، ކުރިން އޮންނަނީ އެއާޕޯޓްތައް ހިންގޭނީ ބޭރުގެ 75 ޕަސެންޓް ޚިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ. އެހެންވެ އެއާޕޯޓް ހިންގަން ހަވާލު ކުރެވޭ ކުންފުންޏެއްގައި ދިވެހިންގެ 25 ޕަސެންޓް ޚިއްސާ އޮންނަން ޖެހެ އެވެ.