ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ކުރިން އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅުންތަކެއް ކްލަބް ހައުސްގައި ރޭ ތަފާތު އެކި ހިޔާލުތައް ފާޅުކުރައްވަމުން ގެންދެވި ހުރިހާ ބޭފުޅުން ވެސް އެ އެއާޕޯޓުގެ އެންމެ ޕަސެންޓެއްގެ ހިއްސާ ވެސް ދިވެހި ސަރުކާރު ނޫން ބައެއްގެ އަތުގައި އޮންނާކަށް ބޭނުމެއް ނުވެ އެވެ.

އެ ސަބަބު ވެސް ވަރަށް ތަފްސީލް ކޮށް އެ ޕެނަލްގައި ތިއްބެވި ބޭފުޅުން ވިދާޅުވެދެއްވި އެވެ.

ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ދައުރުގެ ފަހުކޮޅުގައި ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ސީއީއޯކަން ކުރެއްވި އަލީ ހުސެއިން ދީދީ (އަލިދީ) މިއީ އެ އެއާޕޯޓުގެ ހިއްސާ ވިއްކާލަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.

"އެމްއޭސީއެލް ޕަބްލިކް ލިސްޓިންއަށް ބަލާއިރު ޝެއާގެ އެންމެ ރަނގަޅު އަގު ލިބޭ ވަގުތެއްގައި ކުރަންވާނީ. މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ދައުރުގައި އެމްއޭސީއެލްގެ އެމްޑީގެ މަގާމު އަދާކުރެއްވި އަލީ ހުސެއިން ދީދީ (އަލިދީ). އެ ކުންފުނީގެ ހިއްސާ ވިއްކުމާ ދެކޮޅު ކަމަށް ވިދާޅުވި.

އެ ވާހަކަ އެހެން ވިދާޅުވުމަށްފަހު ވެސް އަލިދީ ވަނީ ވީއައިއޭގެ ހިއްސާ ވިއްކުމާ ދެކޮޅު ހައްދަވައިފަ އެވެ. ހިއްސާ ވިއްކުމާ ދެކޮޅު ހައްދަވާ ސަބަބު ވެސް އޭނާ ވިދާޅުވި އެވެ.

"ދެ ސެކިއުރިޓީ އެއް އެބައޮތް. ނެޝަނަލް އިންޓަރެސްޓް، ޓޫރިޒަމް އިންޓަރެސްޓް،" އެ ދެ ސަބަބާ ހެދި އެ އެއާޕޯޓުގެ ހިއްސާ ވިއްކުމާ ދެކޮޅު ކަމަށް އަލިދީ ވިދާޅުވި އެވެ.

އޭނާ އެ ދެއްކެވި ސަބަބަށް އެ ޕެނަލްގެ ހުރިހާ ބޭފުޅުން ވެސް ތާއީދުކުރެއްވި އެވެ.

އަލިދީގެ ވާހަކަފުޅަށް ތާއީދުކުރައްވައި، އެއާޕޯޓުގައި އިސް މަގާމުތަކެއް އަދާކުރައްވައި ފަހުން ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން ކުރެއްވި އިބްރާހިމް ފައިސަލް ވިދާޅުވީ ވީއައިއޭ ހިމެނޭހެން އެމްއޭސީލްގެ ހިއްސާ ވިއްކަން ލިސްޓްކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"މި އެއާޕޯޓަކީ ސާވިސްއެއް. ދުނިޔޭގެ އެންމެ ބޮޑެތި އެއާޕޯޓަކީ ސަރުކާރުގެ އެއާޕޯޓުތައް. ހިއްސާ ވިއްކައިފިއްޔާ ބަލާނީ އެންމެ ބޮޑު ފައިދާއެއް ނެރެވޭތޯ. މާލޭ އެއާޕޯޓްގެ ޝެއާ ވިއްކާލައިފިއްޔާ އެންމެ ބޮޑު ފައިދާ ހޯދަން ހިނގާނީ. އޭރުން ނެޝަނަލް އިންޓަރެސްޓް ނުހިނގާނެ،" ފައިސަލް ވިދާޅުވި އެވެ. "މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން."

ފައިސަލް ވިދާޅުވީ އެ އެއާޕޯޓުގެ ހިއްސާ ވިއްކަން ޖެހޭ ބޭނުމެއް އޮތްތޯ ބަލަން އެބަޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އެ އެއާޕޯޓުން ރަނގަޅަށް ހިދުމަތް ދެވޭ ކަމަށް ވަންޏާ ހިއްސާ ވިއްކާކަށް ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލާރި ލިބިލިބި ހުރި ތަނެއް ޝެއާ ވިއްކާލުމުގެ ބޭނުމެއް އޮންނަން ވާނެ. ޝެއާ ވިއްކާލުމަށްފަހު އަނބުރާ ލިބޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ. އެ ޝެއާ އަތު ނުޖެހޭނެ ދުވަހަކު ވެސް،
އިބްރާހިމް ފައިސަލް

"ލާރި ލިބިލިބި ހުރި ތަނެއް ޝެއާ ވިއްކާލުމުގެ ބޭނުމެއް އޮންނަން ވާނެ. ޝެއާ ވިއްކާލުމަށްފަހު އަނބުރާ ލިބޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ. އެ ޝެއާ އަތު ނުޖެހޭނެ ދުވަހަކު ވެސް،" ފައިސަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް އަދާކުރެއްވި އަދި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކުރީގެ ޗެއާމަން އިބްރާހިމް ފައިސަލް.

"ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް ހިންގަންވީ. ސިންގަޕޯގެ ޓްރާންސްޕޯޓް މިނިސްޓަރު އަޅުގަނޑު ކައިރީގައި މީގެ ތިން އަހަރެއްހާ ދުވަސްކުރިން ވިދާޅުވީ އަބަދުވެސް ނެޝަނަލް އިންޓަރެސްޓަށް ބަލާށޭ ވިދާޅުވީ. ސިންގަޕޫރުގެ ޗަންގީ އެއާޕޯޓު ގޯސް ވެއްޖިއްޔާ ގައުމުގެ އިމޭޖް ގޯސްވާނެ. ތިމަންނަމެންނަށް ވެސް އެ އެއާޕޯޓް ޝެއާ ވިއްކާލައިފިއްޔާ ވަރަށް ބޮޑު އަގެއް ލިބިދާނޭ. އެކަމަކު ތިމަންނަމެން އެކަމެއް ނުކުރާނަމޭ،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ދެކެވަޑައިގަންނަވާ ގޮތުގައި ޕްރޮފެޝަނަލް މީހުން ބައިތިއްބައިގެން އެ އެއާޕޯޓު ރަނގަޅަށް ހިންގޭނެ އެވެ.

އެ އެއާޕޯޓު ހަދަން ފެށިއިރު އެއާޕޯޓުގެ ސިވިލް އިންޖިނިއަރެއްގެ ގޮތުގައި އުޅުއްވުމަށްފަހު ފަހުން ރައީސް މައުމޫންގެ ދައުރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު (ރޯޒަރީ) ވިދާޅުވީ ވީއައިއޭ ހުޅުވުނީ ވަރަށް ގިނަ ބައެއް ބުރަ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެން ހާދަ ބުރަކޮށް މަސައްކަތްކޮށްގެންނޭ ނޮވެމްބަރު 11 ގައި ފުރަތަމަ އެއާޕޯޓު ހުޅުވުނީ. މި އެއާޕޯޓު ޓޫރިޒަމާ ވަރަށް ބޮޑަށް ގުޅިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި އެ އެއާޕޯޓު އޮންނަން ވާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު އަދި އައިލެންޑް އޭވިއޭޝަނާއި ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބަންދު އިބްރާހިމް ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި ވީއައިއޭ އިން ރަނގަޅު ނަތީޖާއެއް ނެރެން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ބޯޑެއް އެކުލަވާލާށެވެ.

"އެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާ އާއި ކޮލިފިކޭޝަން އޮންނަންވާނެ. އެކި ދާއިރާގެ މީހުން ތިބެން ޖެހޭނެ. 60 އަހަރު ވެއްޖިއްޔާ ރިޓަޔާކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ބަންދު ސަލީމް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ އެންމެ ބޮޑު މައްސަލައަކީ މައިކްރޯ ލެވެލްއަށް ވެއްޓިގެން ކުންފުނީގެ އޮޕަރޭޝަންތަކާ ބެހޭތީ އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު އަދި އެމްޓީސީސީސީ އާއި އައިލެންޑް އޭވިއޭޝަން އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބަންދު އިބްރާހިމް ސަލީމް. ފޮޓޯ: މަޖްލިސް

"އެއާޕޯޓަކީ ލައިސަންސެއްގެ ދަށުން ހިނގާ ތަނެއް. މިތަނުގެ ބޯޑުގައި ސިވިލް އޭވިއޭޝަންގެ ތަޖުރިބާކާރެއް އަންނަން ޖެހޭނެ. ބިޒްނަސް ޕްލޭން ހަދަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޕެނަލްގެ ބޭފުޅަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ބަންދު ސަލީމް ވިދާޅުވި ގޮތުގައި މިހާރު އޮތް އެމްއޭސީއެލްގެ ބޯޑަކީ ވަރަށް ބަލިކަށި ބޯޑެކެވެ.

"މިހާރު ބޯޑު އޮތީ ވަރަށް ވީކްކޮށްނޭ. ކުންފުނީގެ ކަންކަމަށް ވަގުތު ދޭން ޖެހޭ. ބޯޑު މެމްބަރުން އަބަދު އުޅެން ޖެހޭ. ކޮމިޓީ ހިންގަން ޖެހޭ. ޑިރެކްޓަރުން ތިއްބަވައިގެން އިފެކްޓިވްކޮށް ހިންގަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ. "ހުރިހާ ފީލްޑެއްގެ މީހުން ބޯޑުގައި ތިބެން ޖެހޭ. ރެކްޓަރުންގެ މަސްއޫލިއްޔަތުގެ ޒިންމާ އެއްބައޮތް ރަންވޭ ބޭނުންނުކޮށް އޮތީ ކީއްވެގެންތޯ ބެލުން."

މިހާރު ބޯޑު އޮތީ ވަރަށް ވީކްކޮށްނޭ. ކުންފުނީގެ ކަންކަމަށް ވަގުތު ދޭން ޖެހޭ. ބޯޑު މެމްބަރުން އަބަދު އުޅެން ޖެހޭ. ކޮމިޓީ ހިންގަން ޖެހޭ. ޑިރެކްޓަރުން ތިއްބަވައިގެން އިފެކްޓިވްކޮށް ހިންގަން ޖެހެނީ.ހުރިހާ ފީލްޑެއްގެ މީހުން ބޯޑުގައި ތިބެން ޖެހޭ. ރެކްޓަރުންގެ މަސްއޫލިއްޔަތުގެ ޒިންމާ އެއްބައޮތް ރަންވޭ ބޭނުންނުކޮށް އޮތީ ކީއްވެގެންތޯ ބެލުން.
ބަންދު ސަލީމް

ބަންދު ދެކެވަޑައިގަންނަވާ ގޮތުގައި އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރާ އެއާޕޯޓަށް ކުރިމަގުގައި ދިމާވާނެ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންވެ އެކަމަށް ވެސް އެމްއޭސީއެލް އޮންނަން ޖެހޭ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑު ޗެލެންޖެއް އަންނާނެ މަނަފަރު ހަނިމާދޫ ރަނގަޅަށް އޮޕަރޭޓްކުރަން ފެށުމުން. އޭރުން ކުންފުނީގެ އެފިޝަންސީ ވަރުގަދަކޮށްގެން ނޫނީ ފައިދާއެއް ނުވާނެ،" ބަންދު ސަލީމް ވިދާޅުވި އެވެ.

ބަންދު ދެއްކެވި ވާހަކަތާ ބެހޭ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ފެށީ ފައިސާ ހޯދާނެ ގޮތުގެ ހިސާބު ޖަހައިގެން ކަމަށެވެ. އަދި އާ ޓާމިނަލާއި ރަންވޭ އާއި ސީޕްލޭން ޓާމިނަލް ފަދަ ތަންތަން ހިންގަން ފެށުމުން އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބެން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުންފުންޏަށް ފައިދާ ހޯދަން ކަމަށް ބުނެ ހިއްސާ ވިއްކާލަން ޖެހޭ އެއްވެސް އަސާސެއް ނެތް. ވެގެން އުޅޭ ގޮތް ވަރަށް ސާފު، ފައިސާ ހޯދަން އަނބުރާލެވެން އޮތީ ޓާމިނަލްގެ މަސައްކަތް. އަޅުގަނޑު އަޑު އަހައިފިން އެތަނުގެ ވޭރިއަޝަނެއްގެ ގޮތުގައި 200 މިލިއަން ޑޮލަރެއް އެރި ވާހަކަ،
އަލީ ރިފާއު، ކުރީގެ ޑެޕިއުޓީ ޗީފް އޮފިސަރު

"ކުންފުންޏަށް ފައިދާ ހޯދަން ކަމަށް ބުނެ ހިއްސާ ވިއްކާލަން ޖެހޭ އެއްވެސް އަސާސެއް ނެތް. ވެގެން އުޅޭ ގޮތް ވަރަށް ސާފު، ފައިސާ ހޯދަން އަނބުރާލެވެން އޮތީ ޓާމިނަލްގެ މަސައްކަތް. އަޅުގަނޑު އަޑު އަހައިފިން އެތަނުގެ ވޭރިއަޝަނެއްގެ ގޮތުގައި 200 މިލިއަން ޑޮލަރެއް އެރި ވާހަކަ،" އަލީ ރިފާއު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެމްއޭސީއެލްގެ ހިއްސާ ވިއްކުމުގެ ވާހަކަ ދައްކަނީ ޓާމިނަލްގެ މަސައްކަތްތަކަށް ގެނައި ބަދަލާއި އެހެނިހެން ހަރަދުގެ ގޮތުގައި 200 މިލިއަނެއްހާ ޑޮލަރު ސަރުކާރުން ކޮންޓްރެކްޓަރަށް ދައްކަން ޖެހިގެންނެވެ.

އެއާޕޯޓުގެ ހިއްސާ ވިއްކުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ވަކިގޮތެއް ނުނިންމި ނަމަވެސް ޕްރައިވެޓައިޒްކުރުމުގެ ވިސްނުން އެބަ އޮތެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް "ހުރިހާ" އާ ވާހަކަދައްކަވަމުން މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ޕްރައިވެޓައިޒްކުރަން ފުރުސަތު އޮތް މިންވަރު ބެލުމުގެ ގޮތުން ސަރުކާރުގެ ހުރިހާ ކުންފުންޏެއް ވެސް ބަލަމުން އަންނަ ކަމަށެވެ.

"ވަކި ކުންފުންޏެއް ޕްރައިވެޓައިޒް ނުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ. ކުންފުނިތައް ޕްރައިވެޓައިޒްކުރުމުގެ އޮޕްޝަންތައް ބަލަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވީ އެމްއޭސީއެލް ޕްރައިވެޓައިޒްކޮށްފި ނަމަ އޭގެ ފައިދާ އާއްމުންނަށް ލިބޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލް. ފޮޓޯ: އެމްއޭސީއެލް

"އެ ކުންފުނިން އެހާ ބޮޑު ފައިދާއެއް ލިބޭ ނަމަ އާއްމުންނަށް ހިއްސާ ނުވިއްކަންވީ ކީއްވެގެންތޯ؟ ހިއްސާ ވިއްކައިފި ނަމަ ކުންފުނީގެ ހިންގުން ވެސް ރަނގަޅުވާނެ. އަޅުގަނޑުމެންނަށް އެކަން ފެނިފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ވީއައިއޭ ޒާމާނީ ތަރައްގީ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އަދި އެންމެ ފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރެއްވި އާދިލް މޫސާ ވެސް ވިދާޅުވީ އެ އެއާޕޯޓުގެ މުހިންމު ހުރިހާ ޕްރޮޖެކްޓެއް ހުރީ ފަށައި، އަދި އެކަމަށް ބޭނުންވާ ފައިސާ ވެސް ހުރީ ހަމަޖެހިފައި ކަމަށެވެ،

އެއާޕޯޓުގެ މިހާރު ބައެއް ޕްރޮޖެކްޓްތައް އެހުރީ ނިމިފައި. މުހިންމު އެއްވެސް ޕްރޮޖެކްޓެއް ނުފެށި ނުހުންނާނެ. ފަންޑިން ހަމަނުޖެހޭ އެއްވެސް ޕްރޮޖެކްޓެއް ނުހުންނާނެ،
އާދިލް މޫސާ

"އެއާޕޯޓަށް ބޭނުންވާ ހުރިހާ ފެސިލިޓީތަކެެއް އެ އަންނަނީ. ސަޕޯޓް ފެސިލިޓީ ވެސް. އެއާއެކު މުޅި މަންޒަރު ބަދަލުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ވީއައިއޭއަށް ޒަމާނީ ތަރައްގީ ގެންނަން މިހާތަނަށް ފެށި އެންމެ ގިނަ މަޝްރޫއުތައް ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ. ފޮޓޯ: އެމްއޭސީއެލް

އާދިލް އެ އިޝާރާތްކުރެއްވީ އެ އެއާޕޯޓުގެ އާ ރަންވޭ އާއި އާ ސީ ޕްލޭން ޓާމިނަލާއި ކާގޯ ޓާމިނަލް، ފިއުލް ފާމް، އަދި ސީއައިޕީ ލައުންޖާއި އާ ފަސިންޖަރު ޓާމިނަލްގެ ވާހަކަ އެވެ.

ވެލާނާ އެއާޕޯޓުގައި އަލަށް ހެދި ރަންވޭ: މި ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރޭ. ފޮޓޯ: ޝިންހުއާ

"އެއާޕޯޓުގެ މިހާރު ބައެއް ޕްރޮޖެކްޓްތައް އެހުރީ ނިމިފައި. މުހިންމު އެއްވެސް ޕްރޮޖެކްޓެއް ނުފެށި ނުހުންނާނެ. ފަންޑިން ހަމަނުޖެހޭ އެއްވެސް ޕްރޮޖެކްޓެއް ނުހުންނާނެ،" އާދިލް ވިދާޅުވި އެވެ. "އަޅުގަނޑަށް ހީވަނީ މިހާރު ބަލަންވީ ރަންވޭ ބޭނުންކުރަން ނުފެށިގެން އުޅެނީ ކީއްވެގެންތޯ ހެން؟"