ސިންގަޕޫރުގެ ސިލްކް އެއާގެ ދަތުރުތައް އަންނަ ޑިސެމްބަރު 1ގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ސިންގަޕޫރު އެއާލައިންސްގެ ސަބްސިޑަރީ އެއާލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފުތާއަކު ދެ ދަތުރުކުރަން ވަނީ ނިންމައިފަ އެވެ.

ސިލްކް އެއާގެ ދަތުރުތައް ފެށި ނަަމަވެސް، ސިންގަޕޫރު އެއާލައިންސްގެ ދަތުރުތައް ރާއްޖެއަަށް އަލުން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.

އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައި ވަނީ ބޮއިން 800- 737 މަރުކާގެ މަތިންދާބޯޓެވެ.

ކޮވިޑާ ގުޅިގެން މާޗް މަހު ދަތުރުތައް ހުއްޓާލިއިރު، ސިލްކް އެއާއިން ހަފުތާއަކުން ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުކުރެ އެވެ. އެ އެއާލައިން ދަތުރުކުރަމުން އައީ ސިންގަޕޫރު އެއާލައިންސާ ގުޅިގެންނެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި އަލުން ހުޅުވާލުމާ ގުޅިގެން ރާއްޖެ އަންނަ އެއާލައިންތައް މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއިން ވަނީ ޓޫރިސްޓުން ޝައުގުވެރިކުރަން ބޯޑާ މައިލްސް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ 25 ޕަސެންޓް އިތުރުވެފަ އެވެ. އެ ގޮތުން މިދިޔަ މަހު 9،538 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ބޯޑަރު ހުޅުވާލުމުން މިހާތަނަށް ޖުމްލަ 18،867 ޓޫރިސްޓުން އައިސްފައިވެ އެވެ.