ރާއްޖެ ރަޝިއާ މާކެޓްގައި އިތުރަށް އިޝްތިހާރުކޮށް މަގްބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ރީތި މަންޒަރު ފެންނަ ފޮޓޯ މައުރަޒެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

މިމައުރަޒު ރަޝިއާގައި ބާއްވާފައި ވަނީ ވިޒިޓް މޯލްޑިވްސް އިން ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލް ރަޝިޔާ އާ ގުޅިގެނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މި ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ މޮސްކޯގައި މި މަހު 16 އިން 30ގެ ނިޔަލަށް ކަމަށެވެ. އަދި މޮސްކޯގެ އެގްޒިބިޝަން އަށް ފަހު ސެން ޕީޓާސްބާގްގައި ވެސް މައުރަޒު ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

މޮސްކޯގައި މި މައުރަޒާ ކުރިއަށް ދާނީ ތްވެރޮސްކޮއި ބޮލިވާޑްގައި ކަމަށާއި މިއީ މޮސްކޯގައި ގިނަ އަދަދެއްގެ މީހުން ހިނގާބިގާވެ އުޅޭ އެއް މައިގަނޑު މަގެއް ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ. އަދި ސެންޕީޓަސްބާގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒާ ކުރިއަށްދާނީ ކިރޯލް ސެންޓްރަލް ޕާކް ގައި ކަމަށާއި މި ޕާކް އަކީ ސެން ޕީޓަސްބާގްގެ ސަގާފީ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކަށް މަޝްހޫރު ޕާކްއެއް ކަމަށް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފަ އެވެ.

އެމްއެމްޕީއާރްސީން ބުނީ ރަޝިއާގެ ހޫނު މޫސުމުގެ ދުވަސްވަރު މި ފޮޓޯ މައުރަޒު ބޭއްވުމުގެ ސަބަބުން ލަފާ ކުރެވޭ ގޮތުގައި ޖުމްލަ 5-3 މިލިޔަން މީހުން މި ފޮޓޯ މައުރަޒަށް ޒިޔާރަތްކުރާނެ ކަމަށެވެ.

މި މައުރަޒުގައި ރާއްޖޭ ގުދުރަތީ ރީތި ކަމާއި ރާއްޖޭގެ ނަމަނަމަ ތިމާވެށީގެ މަންޒަރާއި ސަގާފީ ހަރަކާތްތަކުގެ ފޮޓޯ ދައްކާނެ ކަމަށާއި އަދި މި ފޮޓޯތަކުން ރާއްޖެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓްކަމަށްވާ ރިސޯޓް ގެސްޓްހައުސް، ލިވަބޯޑް, ހޮޓެލްގެ އިތުރުން ރާއްޖެއިން ކުރެވޭ ހާއްސަ ތަފާތު ތަޖުރިބާތައް ފެންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި ތަފާތު ތަޖުރިބާތަކުގެ ތެރޭގައި ފެހުރިހި ބެލުމަށް ފީނުން, ސީޕްލޭންގައި ދަތުރުކުރުން، އަދި ރާޅާއެޅުން ހިމެނޭ ގޮތަށް މި ފޮޓޯ މައުރަޒުގަ އިދައްކާލާނެ ކަމަށެވެ. އަދި ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައިވާ ޖަޒީރާ ގައުމެއްކަމާއި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި މައުރަޒުން ފެނިގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެ އެވެ.

ރަޝިއާ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މިއަހަރުގެ މިހައިތަނަށް ކުރިއަށް ގެންގޮސްފައިވާއިރު ވިޒިޓް މޯލްޑިވްސް އިން ވަނީ ރަޝިއާގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ޝޯގައި ވެސް ބައިވެރިވެފަ އެވެ.

ދިވެހިރާއްޖެއަށް މިވަގުތު އެންމެ ގިނައިން ފަތުރުވެރީން ޒިޔާރަތް ކުރަނީ ރަޝިޔާއިންނެވެ. މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 107,102 ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތް އައިސްފައިވެ އެވެ.