ރާއްޖޭގައި ފްލައިން ސްކޫލް ހިންގުމަށް ހުޅުވާލުމުން 13 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފްލައިން ސުކޫލެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

އައިލެންޑް އެވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނީ، ފްލައިން ސުކޫލް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި މެދުއިރުމަތި، ޔޫރަޕް، އެމެރިކާގެ އިތުރުން ރާއްޖޭގެ ކުންފުންޏެއް ވެސް ހިމެނޭ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރި ގިނަ ކުންފުނިތަކަކީފްލައިން ސުކޫލް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުނިތަކެވެ.

މިހާރު ކުރިއަށް ދަނީ ޝައުގުވެރިކަން ފާޅުކުރި 13 ކުންފުނީގެ ޕްރޮޕޯސަލް އިވެލުއޭޓް ކުރަމުގެ މަސައްކަތް ކަމަށް އައިއޭއެސްއިން ވަނީ ބުނެފަ އެވެ. އައިއޭއެސްއިން ފްލައިން ސުކޫލް ހިންގަން ނިންމާފައިވަނީ އެކަމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެންނެވެ. ފްލައިން ސުކޫލް ހިންގާނެ ވަކި އެއާޕޯޓެއް އެކުންފުނިން އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ފްލައިން ސުކޫލެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކުރީ އައްޑޫ ފްލައިން ސުކޫލްގެ ހިންގުން ދޯދިޔާވެ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެންދާ މައްސަލަތައް ބޮޑުވުމުންނެވެ. ހާއްސަކޮށް ގިނަ ދަރިވަރުން ލޯން ނަގައިގެން ކިޔަވަމުން ދާތީ އެ ދަރިވަރުންގެ ޝަކުވާ ވަރަށް ބޮޑެވެ. އަދި ދަރިވަރުންގެ ކިޔެވުން ކޮންމެވެސް އެހެން ގޮތަކުން ހަމަޖައްސައި ދިނުމަށް ކެނޑިނޭޅި ދަރިވަރުން ދަނީ އެދެމުންނެވެ.