ދުނިޔޭގެ އެންމެ ވަރުގަދަ އެއް ހޮޓެލް ޗެއިން، އެމެރިކާގެ ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓުގެ ހަތަރު ވަނަ ރިސޯޓު "އަމިން ގިރި" ގައި މިއަހަރު ފަހުކޮޅު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، އަމިން ކޮންސްޓްރަކްޝަން އިން މާލެ އަތޮޅުގައި ހިއްކައިގެން ތަރައްގީކުރާ ރަށުގައި ހިލްޓަން އިން ހުޅުވަނީ 109 ވިލާ ހިމެނޭ އެންމެ މަތީ ފެންވަރުގެ ރިސޯޓެކެވެ.

އަމިން އިން ވަނީ ހިލްޓަން އާއެކު މެނޭޖްމަންޓް އެގްރިމަންޓެއްގައި ދާދިފަހުން ސޮއިކޮށްފަ އެވެ.

"ހިލްޓަން މޯލްޑިވްސް"ގެ ނަމުގައި ހުޅުވާ ރިސޯޓަކީ ހިލްޓަން ހޮޓެލްސްގެ ހަތަރު ވަނަ ރިސޯޓެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ އދ. ރަނގަލީގައި ކޮންރަޑް މޯލްޑިވްސްގެ ނަމުގައި ރިސޯޓެވެ. އެ ރިސޯޓު ފުރަތަމަ ހުޅުވީ ހިލްޓަން މޯލްޑިވްސްގެ ނަމުގަ އެވެ. ކޮންރަޑްއަކީ ހިލްޓަންގެ އެންމެ އަގުބޮޑު އެއް ބްރޭންޑެވެ.

މީގެ އިތުރުން މާލެ ކައިރީގައި އޮންނަ ކްރޮސް ރޯޑްސްގައި ވަނީ ސައި ލެގޫން މޯލްޑިވްސް ކިއުރިއޯ ކަލެކްޝަންގެ ނަމުގައި ރިސޯޓެއް ހުޅުވައިފަ އެވެ. އަދި އެ ކުންފުނިން އެންމެ ފަހުން ހުޅުވީ މާލެ އަތޮޅުގައި އޮންނަ އިތާފުށީގައި "ވޮލްޑޮފް އެސްޓޯރިއާ"ގެ ނަމުގަ އެވެ. އެއީ ވެސް އެ ކުންފުނީގެ އެންމެ އަގުބޮޑު އެއް ބްރޭންޑެވެ.

މާލެ އަތޮޅުގައި ހިއްކައިގެން ތަރައްގީކުރާ "އަމިން ގިރި" ގައި ހުޅުވާ ހިލްޓަން މޯލްޑިވްސް ރިސޯޓުގެ ކުރެހުމެއް. މިއީ ހިލްޓަން އިން ރާއްޖޭގައި ހިންގާ ހަތަރު ވަނަ ރިސޯޓު. ފޮޓޯ: ހިލްޓަން

އަމިން ގިރިއަކީ މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށެކެވެ.

އެ ރިސޯޓުގައި ހިމެނޭ 109 ވިލާގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނެ އެވެ. އެއިން ކޮންމެ ވިލައެއް ޕްރައިވެޓް ޕޫލް އޮވެ އެވެ.