އެޗްޕީއޭގެ އުސޫލުތަކާއި އެމްއެމްއޭއިން އަންގާފައިވާ އެންގުންތަކާ އެއްގޮތް ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރުން ކާޑު ދޫކުރުމުގެ ހިދުމަތް މި ހަފުތާގައި ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނެފައި ވަނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. ނަަމަވެސް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އަަށް ކަސްޓަމާ ސާވިސް ސެންޓަރުން ކާޑު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ހުޅުމާލެ ބްރާންޗް ކާޑު ދޫކުރުމުގެ ހިދުމަތް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ، ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން އާންމު ފަރުދުންގެ އެކައުންޓަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ރަސްމީ ދުވަސްތަކުގައި އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަސާސީ ހިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމަށް ޖަމާ ކުރާ ބީއެމްއެލް ޗެކް ޕްރޮސެސްކުރުން ހިމެނެ އެވެ.

ހަމައެއާއެކު އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންލް ޓްރާންސްފާ ހިދުމަތާއި (އޭސީއެޗް އަދި އާރުޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމުގް ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ.