ކޮވިޑް-19އިގެ ސަބަބުން ރާއްޖޭގެ އިިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީން 36 ބިލިއަން ރުފިޔާ ނުވަތަ 2.3 ބިލިއަން ޑޮލަރު ގެއްލުންވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަމީރު އެގޮތަށް ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ކައުންސިލަރުން އަހުލުވެރިކުރަން މިހާރު ކުރިޔަށްދާ ޕްރޮގްރާމްގައި ކައުންސިލަރުންނަށް މައުލޫމާތު ދެއްވަމުގެ ތެރެއިންނެވެ. އަމީރު ވަނީ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ހީނަރުވެފައިވާ ދަނޑިވަޅެއްގައި ހަރަދަށް ސަމާލުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

މި އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީއާ ހަވާލާދީ ބޮޑު ގެއްލުމެއް ވާނެ ކަމަށް ލަފާކުރެވޭއިރު އަމީރު ވިދާޅުވީ، ސަރުކާރުގެ މެދު ރާސްތާގެ އެންމެ ބޮޑު އާމާޒަކީ ކޮވިޑުގެ ސަބަބުން އިތުރުވި ދަރަނި ކުޑަކުރުން ކަަމަށެވެ. އަދި އެކަމަށް ފަހިކުރަން ކައުންސިލްތަކުން ހަރަދުތައް މެނޭޖް ކުރުމަށާއި ކުރާ ހަރަދުން ލިބޭ މަންފާ އިތުރުކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް. އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ހަރަދުތައް ކުޑަކުރަންޖެހޭ" އަމީރު ވިދާޅުވި އެވެ.

ދަރަނި ކުޑަކޮށް މެނޭޖުކުރުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ޖީޑީޕީގެ ނިސްބަތުން ދަރަަނި ކުޑަކުރަން އިގްތިސާދު ޑައިވާސިފްކޮށް ގައުމީ އުފެއްދުންތެރިކަން އިތުރުކުރަން ކުރިއަރުވައި ފިސްކަލް ކޮންސޮލިޑޭޝަން ގެންނަން ޖެހޭ ކަމަށެވެ އަދި އަންނަ އަހަރު ދައުލަތުން ފާސްކުރާ ބަޖެޓުގެ އަމާޒަކީ އެއީ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން އަމީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވެފައި ވަނީ، މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށް އާމްދަނީ ލިބޭނެ ކަމަށެވެ. އަދި ކޮވިޑުގެ ނަމްބަރުތައް އުފުލުމާއި އެހެން ސަބަބުތަކާ ހުރެ ރާއްޖޭގެ ޓޫރިޒަމް މަޑުޖެހިފައި އޮތް ނަމަވެސް، އަހަރުގެ ފަހުކޮޅު ގިނަ ފަތުރުވެރިންތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ކޮމިއުނިކޭޝަންސް ސާވިސް ޕްރޮވައިޑަރަކަށް ލައިސަންސް ދިނުމާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކުމާއި ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުން ހިމެނެ އެވެ.